ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 17:13
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް
ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން
ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި
ޖަލްސާގައި ބައިވެރިވީ އެންމެ ކްލަބެއް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވާ ކަމަށާއި، މި ޖަލްސާގައި އަސާސީ ގަވައިދަށް އިސްލާހުތަކެއް ގެނެސް އާ ލޯގޯއެއް ފާސްކޮށްފައިވާ ކަމަށެވެ.

ލަތީބެ ވިދާޅުވީ ސްޕޯޓްސް ކޮމިޝަންގެ އެންގުމާ އެއްގޮތަށް އަސާސީ ގަވައިދަށް ގެނައި ބަދަލުތަކަށް އެ އޮފީހުން އެޕްރޫވަލް ލިބުމާއެކު، ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ލޯގޯ ބަދަލުކުރަން ފާސްކުރީ އެކްސްކޯ އިން އެގޮތަށް ބޭނުންވާތީ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.  

އަހަރީ އާންމު ޖަލްސާގައި ބައިވެރިވީ ފުރިހަމަ މެމްބަޝިޕް ލިބިފައިވާ އެންމެ ކްލަބެކެވެ. މިކަމާ ގުޅިގެން ލަތީބެ ވިދާޅުވީ، ވީއޭއެމްގައި އޮތީ ޝަރުތު ހަމަވާ ދެ ކްލަބް ކަމަށާއި، އޭގެ ތެރެއިން ޖަލްސާގައި ބައިވެރިވީ އައްޑޫ ސްޕޯޓްސް އެކަނި ކަމަށެވެ. އަދި ޖަލްސާގައި ޝަރުތު ހަމަވާ ޕޮލިސް ކްލަބް ބައިވެރިނުވާ ކަމަށްވެސް ލަތީބެ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ލަތީބެ ވިދާޅުވީ، ފުރިހަމަ މެމްބަރުންގެ ގޮތުގައި ބާކީ އޮތް ފުވައްމުލަކު މިސްކިތް މަގާއި، މޯލްޑިވިއަން ސްޕޯޓްސް އިން ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީވެފައި ނެތުމުން މެމްބަޝިޕް ގެއްލިފައިވާ ކަމަށެވެ.

ވީއޭއެމްގެ އެކްސްކޯގައި ހިމެނޭ ހަ މެމްބަރުން ޖަލްސާ އަށް ހާޒިރުވެފައިވާއިރު، އެކްސް އޮފިޝަލުންގެ ތެރެއިން ދެ މެމްބަރަކު ހާޒިރުވެފައިވާ ކަމަށެވެ. އެކްސް އޮފިޝަލްގެ ގޮތުގައި ވީއޭއެމްގައި ތިބެނީ ލަތީބެ އާއި ޖެނެރަލް ސެކެޓްރީ އަހުމަދު އަދީލް (ބޭބެ) އަދި ނައިބްރައީސް މުހައްމަދު ރަނޭޝް (ރަނޭ) އެވެ.

އެހެންނަމަވެސް ރަނޭ ވަނީ ދާދި ފަހުން އެސޯސިއޭޝަނާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ އޭނާ ހުރި ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް