ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 14:57
ފަހު ޕޮއިންޓަށް ފަހު ޖޮކޮވިޗް އުފާ ފާޅުކުރަނީ
ފަހު ޕޮއިންޓަށް ފަހު ޖޮކޮވިޗް އުފާ ފާޅުކުރަނީ
އޭއެފްޕީ/ގެޓީ
ޝަންހާއީ މާސްޓާސް
ޝަންހާއީ މާސްޓާސް ތަށި ޖޮކޮވިޗަށް
ތަށި އުފުލާލި ހަތަރު ވަނަ ފަހަރު

ޝަންހާއީ މާސްޓާސް ޓެނިސް މުބާރާތުގެ ތަށި ކްރޮއޭޝިއާގެ ބޯނާ ކޮރިޗް ބަލިކޮށް ސާބިއާގެ ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗް ކާމިޔާބުކޮށްފިއެވެ.

އާދިއްތަ ދުވަހު ކުޅުނު ފައިނަލް މެޗު ޖޮކޮވިޗް ކާމިޔާބުކުރީ6-3 6-4  އިންނެވެ. މެޗުގެ ފުރިހަމަ ނަތީޖާއާ ހަމައަށް ދިޔުމަށް 97 މިނިޓް ކުޅެންޖެހުނެވެ.

މިއީ ޖޮކޮވިޗް ޝަންހާއީ މާސްޓާސް މުބާރާތުގެ ތަށި އުފުލާލި ހަތަރު ވަނަ ފަހަރެވެ.

މުބާރާތް ކާމިޔާބު ކުރުމަށް ފަހު ޖޮކޮވިޗް ބުނީ މިހާރު އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް އަލުން އެރުން ކަމަށެވެ.

މިހާރު ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ސްޕެއިނުގެ ރަފައެލް ނަޑާލް އާއި ޖޮކޮވިޗް ދެމެދުގައި 215 ޕޮއިންޓުގެ ފަރަގު އެބަހުއްޓެވެ.

މި ދެ ކުޅުންތެރިންގެ ދެމެދުގައި އެހާ ބޮޑު ފަރަގެއް އައީ މިދިޔަ އަހަރު ލިބުނު އަނިޔާގެ ސަބަބުންނެވެ. އެ އަނިޔާގެ ސަބަބުން ފޯމް ގެއްލި ޖޮކޮވިޗް ވަނީ ދުނިޔޭގެ ރޭކިންގެ 22 ވަނައަށް ވެސް ވެއްޓިފައެވެ.

މި ވަގުތު ތިން ވަނައިގައި އޮތް ޖޮކޮވިޗް ޝަންހާއީ މާސްޓާސްގެ ކާމިޔާބީ އަށް ފަހު އާންމުކުރާ ޓެނިސް ރޭންކިންގައި ރޮޖާ ފެޑެރާ ފަހަތަށް ޖައްސާލުމަށް ފަހު ދެ ވަނަ އަށް އަރާނެއެވެ.

އަނިޔާ އިން ރަނގަޅުވެ އަލުން ފޯމަކަށް އައިސް އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ރޭންކިންގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ޖޮކޮވިޗް ވަނީ ބަލިނުވެ 18 މެޗު ހަމަކޮށްފައެވެ.

އެ މުއްދަތުގެ ތެރޭގައި ޖޮކޮވިޗް ވަނީ ވިމްބަލްޑަން، ޔޫއެސް އޯޕަން، ސިންސިނާޓީ މާސްޓާސް އަދި ޝަންހާއީ މާސްޓާސް ކާމިޔާބުކޮށްފަ އެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ސްޕެއިނުގެ ރަފައެލް ނަޑާލް ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ވަގުތު ހުރީ ކުޅުމާ ދުރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް