ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 17:50
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ގޫގުލް
ލިއޮނެލް މެސީ
މެސީއަށް ބިޑުކުރި ވާހަކަ ސިޓީން ދޮގުކޮށްފި
މެސީ ބޭނުންވަނީ ބާސާގައި ހުންނަން

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް މެންޗެސްޓާ ސިޓީން ބޮޑު މުސާރައަކާ އެކު ބިޑްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ އެކުލަބުން ދޮގުކޮށްފިއެވެ.

ބައެއް ކުޅިވަރު ޚަބަރު ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެފްސީ ބާސެލޯނާއިން މެސީއަށް ދޭ މުސާރައިގެ ތިން ގުނަ ބޮޑު މުސާރައެއް ދޭން މެންޗެސްޓާ ސިޓީން ހުށަހެޅިއެވެ.

އެގޮތުން ސިޓީގެ ކޯޗު ގާޑިއޯލާ މެދުވެރިކޮށް މެންޗެސްޓާ ސިޓީގެ ރައީސް، ހަލްދޫން އަލް މުބާރަކު މެސީއަށް ވިސްނައި ދިނުމަށް މަސައްކަތް ކުރި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ސިޓީގެ ކޯޗުކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ 2016 ވަނަ އަހަރު އައި ފަހުން މީޑިއާގައި ސިޓީ އާއި މެސީއާ ގުޅުވައިގެން ގިނަ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.

ސްޕެއިންގެ ނޫހަކުން ބުނެފައިވާ ގޮތުގައި ސިޓީން އޮތީ މެސީ އަށް ހަފްތާ އަކު 1.3 މިލިއަން ޑޮލަރު ދޭން ތައްޔާރަށެވެ. ބާސެލޯނާގެ ކޮންޓްރެކްޓް އާ ކުރުމަށް 2016 ވަނަ އަހަރު ޖޫން މަހު ހުށަހެޅުމުން އެ އެއްބަސްވުމަށް މެސީގެ ފަރާތުން ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރު ކޮންޓްރެކްޓް ވަނީ އާކޮށްފައެވެ.

އެ ވާހަކަތަކާ ގުޅިގެން ސިޓީގެ ތަރުޖަމާން އިނގިރޭސި މީޑިއާތަކަށް ބުނީ ސިޓީން އެ ފަދަ އެއްވެސް ވާހަކަތަކެއް ދައްކާފައިނުވާ ކަމަށާއި މެސީ އަށް ބިޑްކުރި ކަމަށް މީޑިއާގައި އުޅޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

މިހާރު އޮތް އެއްބަސް ވުން ހަމަވާނީ 2021 ވަނަ އަހަރު މެއި މަހު އެވެ. އެ ކޮންޓްރެކްޓްގެ ދަށުން މުސާރައިގެ ގޮތުގައި އޭނާއަށް އަހަރަކު 40 މިލިއަން ޔޫރޯ ލިބެއެވެ.

މެސީގެ ކޮންޓްރެކްޓްގެ މުއްދަތު އެއަށްވުރެ އިތުރު ކުރުމަށް ބާސާއިން އޭނާ އާއި ވާހަކަ ދައްކަމުން އަންނަ ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ފެތުރެން ފަށާފައެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ބޭނުންވަނީ މެސީ ރިޓަޔާ ކުރަންދެން އެ ކްލަބްގައި އޭނާ ބަހައްޓާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް