އެމްއެންޑީއެފްގެ އިންޓެލިޖެންސުން ދިން މައުލޫމާތަކާ ގުޅިގެން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާ އިން ވަކިކުރި އަށް މުވައްޒަފަކަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި، ނިންމުމަށް ހައި ކޯޓުން ތާއިދުކޮށްފިއެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އެމްއެންޑީއެފްގެ އިންޓެލިޖެންސުން، ޑިފެންސް މިނިސްޓްރީ އަށް ދިން މައުލޫމާތަކާ ގުޅިގެން އޭވިއޭޝަން ސެކިއުރިޓީގެ އަށް މުވައްޒަފަކު މަގާމުން ވަކި ކުރީ 2015 ވަނަ އަހަރުގެ މެއި މަހު ކަމަށެވެ. އިންޓެލިޖެންސް މައުލޫމާތަށް ބަލައި އެ މުވައްޒަފުންގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ގައުމީ ސަލާމަތާ ރައްކާތެރިކަމުގެ ވަޒީފާ އެއް ގައި ތިބޭ މުވައްޒަފުންގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލޭނެ ފަދަ ގޮތަކަށް އެ މުވައްޒަފުން އަމަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ގައުމީ ސަލާމަތާ ރައްކާތެރިކަމުގެ ވަޒީފާ އެއް ގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލޭފަދަ ގޮތަކަށް އެ މުވައްޒަފުން ކުރި އަމަލަކީ ކޮބައިކަން ސާފުކޮށްދެވިފައި ނުވާ ކަމަށް އެ މުވައްޒަފުންގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައި ވެއެވެ.
އެކަންތައްތަކާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިންމާފައި ވަނީ ވަޒީފާ އެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލޭ ގޮތަކަށް އެ މުވައްޒަފުން ކޮށްފައި ވަނީ ކޮންކަމެއްކަން ސިވިލް ސާވިސް ކޮމިޝަނަށް ބުނެދެވިފައި ނުވާތީ، އެ މުވައްޒަފުން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މުވައްޒަފުންގެ ވަޒީފާ އިޔާދަކޮށް، މުސާރަ އާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ.
ނަމަވެސް އެ ނިންމުމާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން 2016 ވަނަ އަހަރު ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައާ ގުޅިގެން، ޝަރީއަތް ހިންގުމަށް ފަހު އެ ކޯޓުން މިދިޔަ ހަފްތާގައި ނިންމާފައި ވަނީ އެ މުވައްޒަފުންނަށް އަލުން ވަޒީފާ ދޭން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ވަޒީފާ އިން ވަކިކުރި ތާރީހުން ފެށިގެން ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ހައި ކޯޓުން ހުކުމްކޮށްފަ ވެއެވެ.
ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ފާއިތުވި ތިން އަހަރާއި ފަސް މަހުގެ މުއްދަތަށް ބަލައި އެއިން ކޮންމެ މުވައްޒަފަކަށް ބަދަލުގެ ގޮތުގައި މަދުވެގެން ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބޭނެއެވެ. ވަޒީފާއިން ވަކިކުރި އަށް މުވައްޒަފުންގެ ތެރެއިން އެންމެ މުވައްޒަފަކު ފިޔަވައި އެހެން ހުރިހާ މުވައްޒަފުން މަސައްކަތް ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.