ކ. މާލެ
|
12 އޮކްޓޯބަރ 2018 | ހުކުރު 09:39
އެމްޕީއެލް މުދާ ކްލިއަރކުރާ ސަރަހައްދު
އެމްޕީއެލް މުދާ ކްލިއަރކުރާ ސަރަހައްދު
މުހައްމަދު ޝަރުހާން
ކަސްޓަމްސް ތަފާސް ހިސާބު
ސެޕްޓެމްބަރ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު 28 އިންސައްތަ އިތުރު
އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން 18 އިންސައްތަ ޗައިނާ އިން އިމްޕޯޓް ކޮށްފައިވޭ
މިދިޔަ ސެޕްޓެމްބަރ މަހު އެކްސްޕޯޓް ކުރި މުދަލުގެ 23.5 އިންސައްތަ ޖަރުމަނު ވިލާތަށް އެކްސްޕޯޓް ކޮށްފައިވޭ
ސެޕްޓެމްބަރ މަހު ދިވެހިރާއްޖެއަށް 2.94 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވޭ

ފާއިތުވި ސެޕްޓެމްބަރ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 28 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ދިވެހިރާއްޖެއަށް 2.94 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ ސެޕްޓެމްބަރ މަހު މި އަދަދު ވަނީ 3.78 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން 18 އިންސައްތަ ޗައިނާ އިން އިމްޕޯޓް ކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 15 އިންސައްތަ އަދި ސިންގަޕޫރުން 11 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު ހުސްވި ސެޕްޓެމްބަރ މަހު %20 އިތުރުވެފައެވެ. މިއަހަރުގެ ސެޕްޓެމްބަރ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 264.78 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ލިބިފައި ވަނީ 219.85 މިލިއަން ރުފިޔާއެވެ.

ފާއިތުވި ސެޕްޓެމްބަރ މަހު ދިވެހިރާއްޖެ އިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 124 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 156.61 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ ސެޕްޓެމްބަރ މަހު އެކްސްޕޯޓް ކުރި މުދަލުގެ މިންވަރަކީ 350.46 މިލިއަން ރުފިޔާއެވެ.

ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ސެޕްޓެމްބަރ މަހު އެކްސްޕޯޓް ކުރި މުދަލުގެ 23.5 އިންސައްތަ ޖަރުމަނު ވިލާތަށް އެކްސްޕޯޓް ކޮށްފައިވާއިރު، އެމެރިކާއަށް 11.9 އިން ސައްތަ، ތައިލެންޑަށް 11.8 އިންސައްތަ އަދި ފަރަންސޭސި ވިލާތަށް 11.4 އިންސައްތަ އެކްސްޕޯޓް ކޮށްފައިވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 4.1 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓް ކޮށްފައެވެ. އަދި ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ މިންވަރަކީ 259 މިލިއަން ރުފިޔާއަށް އަރައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް