ފިނޭންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަން އިއުލާން ކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން އެކުލަވާލާ އުސޫލެއްގެ ދަށުން، އެ މަގާމަށް ހޮވޭ ފަރާތްތައް، މަގާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބޭ ކަމަށެވެ.
ޕީއެސްގެ މަގާމަށް ކުރިމަތިލެވޭނީ މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދު އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވާ، ނުވަތަ ސަރުކާރު، ޕަބްލިކް ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ ޖަމިއްޔާއެއް ހިންގުމުގެ ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ވެއެވެ.
ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ ހަމަޖެހިފައިވާ އިރު، ލިވިންގް އެލަވަންސްއަށް ލިބޭ 15،000 ރުފިޔާއާ އެކު ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ ޕީއެސްގެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ފެބްރުއަރީ 16 ވާ ދުވަހުގެ 14:00 ގެ ކުރިން އެ ކޮމިޝަނަށް އެޕްލިކޭޝަން ފޯމާއި، ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް ހުށަހަޅަން އެދޭ ކަމަށެވެ.
ޝަރުތު ހަމަވާ ފަރާތްތައް އިމްތިހާނު ކުރުމާއި، އިންޓަވިއު ކުރުމާއި އެފަރާތްތަކުގެ ޕްރެޒެންޓޭޝަން ހުށަހެޅުން، 2017 ފެބްރުއަރީ 26 އިން މާޗު 16 އަށް މާލޭގައި އޮންނާނެ ކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.