ކ. މާލެ
|
3 ފެބްރުއަރީ 2017 | ހުކުރު 00:23
އޭސީސީގެ ރައީސް ހަސަން ލުތުފީ
އޭސީސީގެ ރައީސް ހަސަން ލުތުފީ
މުހައްމަދު ޝަރުހާން
ކޮރަޕްޝަން މައްސަލަ
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
ލުތުފީ އަށް ފްލެޓް ލިބުނީ ރައީސް ނަޝީދުގެ ވެރިކަމުގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ވެށިފެހި މާލެ ޕްރޮޖެކްޓްގެ ދަށުން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އަށް ލިބިވަޑައިގެންނެވި ފްލެޓެއް، އޭނާއަށް ނުދޭން ހައުސިން މިނިސްޓްރީން ނިންމާފައި ވާތީ ފްލެޓް ލިބުނީ ސައްހަކޮށްތޯ ނުވަތަ ނޫންތޯ ކަނޑައަޅައި ދިނުމަށް ލުތުފީ ކޯޓަށް ހުށަހަޅައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ލުތުފީ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ވެށިފެހި ޕްރޮގުރާމްގެ ދަށުން ލިބިފައިވާ ފްލެޓެއް ޝަރުތު ހަމަނުވާ ކަަމށް ބުނެ ފްލެޓް ނުލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން އެންގި ކަަމށެވެ.

އެގޮތުން ފްލެޓް ނުލިބޭނެކަން އެންގީ ރައީސް ވަހީދުގެ ސަރުކާރުގައި ކަމަށާއި އަދި ފްލެޓް ނުލިބޭނެކަން އެންގިއިރު ފްލެޓް ލިބުނުކަމުގެ ލިޔުން ރައީސް ނަޝީދެގެ ސަރުކާރުން ދީފައިވާ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވި ގޮތުގައި އޭނާ އަށް ފްލެޓް ނުލިބޭނެ ކަަމަށް ހައުސިން މިނިސްޓްރީން އެންގީ އޭނާގެ އަންހެނުންގެ ނަމުގައި މާލޭގައި ގޯއްޗެއް އޮތުމުންނެވެ. ނަމަވެސް އޭނާ އަށް ފްލެޓް ލިބުނީ އޭރު ވެށިފެހި މާލެ ޕްރޮގުރާމްގެ ދަށުން ކަނޑައަޅާފައިވާ އުސޫލްތަކުގެ ދަށުން ލިބެންޖެހޭ މާކްސް ލިބި ޝަރުތު ފުރިހަމަ ވެގެންކަން ހައުސިން މިނިސްޓްރީ އަށް އެންގި ކަމަށާއި އަދި ކުރީގެ ސަރުކާރަކުން ނިންމާފައިވާ ނިންމުމެއް ފަހުން ހަދާ އުސޫލެއްގެ ދަށުން ބަދަލު ނުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީ އަށް ދެއްނެވި ކަމަށް ލުތުފީ ވިދާޅުވިއެވެ. 

ލުތުފީ ވިދާޅުވީ އޭނާގެ ނަމުގައި މާލޭގައި އެއްވެސް ބިމެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުން އޭނާ އަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފައިވާ ކަމަށާއި އަދި އެ ލިޔުން މިހާރު ވެސް އެބަ އޮތް ކަމަށް ލުތުފީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހައުސިން މިނިސްޓްރީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާ ކަމަށާއި އެ ފްލެޓް ލިބިފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ ފަހުން ސަރުކާރުން ދީފައިވާ ފެލެޓާ ބަދަލު ކުރާނެ ކމަށް ލުތުފީ ވިދާޅުވިއެވެ.

މީގެއިތުރުން ލުތުފީ ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކޮންމެހެން ފްލެޓް ބޭނުން ވެގެން ނޫން ކަމަށާއި ހަގީގަތް ހާމަކޮށްދިމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ކޯޓުން މައްސަލަ ނިމޭއިރު ފެލްޓެއް ހޯދުމަށް އެއްވެސް ކަމެއް އުޅުވާލައިގެން ކޮށްފައި ނުވާކަން ހާމަވެގެން ދާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

- ކޮމެންޓް