މަޝްހޫރު ރިއަލިޓީ ސްޓަރ އަދި މިހާރު މޭކަޕް ދާއިރާގައި އެންމެ ކާމިޔާބު އެއް ތަރި ކައިލީ ޖޭނާ،21 އަށް ދަރިއަކު ލިބުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ1 ގައެވެ.
ބަލިވެއިން އިރު ކެމެރާއާ ކިތަންމެ ދުރުގައި އުޅުނު ނަމަވެސް ދަރިފުޅަށް މަރުހަބާ ކިޔުމަށް ފަހު ކައިލީ އޭނާގެ ދަރިފުޅާއި ބެހޭގޮތުންނާއި އާއިލާގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރެއެވެ.
އެމެރިކާގެ އެންމެ މަޝްހޫރު ރިއަލީޓީ ތަރި ކިމް ކާޑޭޝިއަންގެ ވެސް ކޮއްކޮ، އަދި އަމިއްލައަށް ވެސް އެތަކެއް ކާމިޔާބީއެއް ހޯދާފައިވާ 21 އަހަރުގެ ކައިލީ ވަނީ ދާދިފަހުން އޭނާގެ ދަރި ސްޓޯމީއަށް ދައްތައަކު ބޭނުންވާ ކަމަށާއި އެކަމަކު އެއީ ކޮންއިރަކު ކަމެއް ބުނަން ނޭނގޭ ކަމަށް ބުނެފައިވެއެވެ. މޭކަޕް އާޓިސްޓެއް ކަމަށްވާ ޖޭމްސް ޗާލްސް ގެ ޔޫޓިއުބް ޗެނަލަށް މިމަހުގެ 8 ގައި ކައިލީ ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ އޭނާ ބޭނުން ވަނީ އަންހެން ދަރިން ކަމަށާއި ގާތްގަނޑަކަށް ހަތް އަންހެން ދަރިން ބޭނުންވާ ކަމަށެވެ. އަދި ފިރިހެން ދަރިއަކު ބޭނުންވަނީ އެއަށް ފަހު ކަމަށް ކައިލީ ވަނީ ބުނެފައެވެ.
ކައިލީގެ އެއްބަނޑު މީހުންގެ ތެރޭގައިވެސް ހިމެނެނީ ހަމައެކަނި އެންމެ ފިރިހެނެކެވެ. އެއީ ރޮބް ކާޑޭޝިއަން އެވެ. ކައިލީ ބޮޑުވަމުން އައީ އެއާއިލާގެ 5 ދައްތައިންނާއި އެކުގައެވެ.
" ބޭނުންވަނީ 7 އަންހެން ދަރިން. އޭގެ ފަހުން ފިރިހެން ކުއްޖަކު ހޯދުމަށް ވިސްނާނީ. ބޭނުން ވަނީ އާއިލާ ބޮޑުކުރަން." ކައިލީ ބުންޏެވެ.
ކީޕިން އަޕް ވިތު ކާޑޭޝިއަންގެ އެންމެ ފަހު އެޕިސޯޑުގައި ކައިލީ ވަނީ އޭނާ ބަލިވެއިނުން އެއީ އެހެން މީހުންނަށް އުދަނގޫ ކަމެއްކަމުގައި ވިއަސް އޭނާއަށް އެކަމުގެ އެއްވެސް އުނދަގުލެއް ކުރިމަތި ނުވާ ކަމަށް ބުނެފައެވެ. އަދި ބަލިވެއިނުން އެއީ އޭނާ "ލައިކް" ވާކަމެއް ކަމަށް ބުނެފައެވެ. ރިއަލިޓީ ޝޯ ކީޕިން އަޕް ވިތު ކާޑޭޝިއަން 2007 ވަނަ އަހަރު ފަށާފައިވާ އިރު، އޭރު ކައިލީގެ އުމުރުން އެންމެ 10 އަހަރެވެ .އޭނާއަކީ އެއާއިލާގެ އެންމެ ހަގު މެމްބަރު ވެސް މެއެވެ.
ކައިލީ ގިނަ ދަރިން ބޭނުންވާ ކަމަށް ބުނެފައިވާއިރު އޭނާގެ ލޯބިވެރިޔާ އަދި ސްޓޯމީގެ ބައްޕަ ޓްރެވިސް ސްކޮޓް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ކައިލީއާއި ލޯބިވެރިޔާ ޓްރެވިސް ސްކޮޓް ރައްޓެހިވެފައި ވަނީ 2017 ވަނަ އަހަރެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހު ކައިލީ ބަލިވެއިން ކަމުގެ ރިޕޯޓްތައް ފެތުރެން ފެށިއެވެ. އެހެން ނަމަވެސް ކައިލީ ވިހަންދެން ބަލިވެއިންކަން ސިއްރު ކުރިއެވެ. ދަރިއެއް ލިބުނުކަން ކައިލީ ހާމަކޮށްފައި ވަނީ ސްޓޯމީ ވިހެއިފަހުން ގާތްގަނޑަކަށް ހަފްތާއެއް ފަހުންނެވެ.