ބޮޑުކުރި އެލަވަންސްތައް ނުހިމަނައި ފުލުހުންނަށް މުސާރަ ޖަމާކޮށްދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.
ފުލުހުންގެ މުސާރަ ނުދެވި ލަސްވެގެން ދިޔައީ، އެލަވަންސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބޮޑުކުރި އެލަވަންސާއެކު މުސާރަ ޖަމާކޮށްދޭން އެދި ފިނޭންސް މިނިސްޓްރީ އަށް ފޮނުވި މުސާރަ ޝީޓްތައް އަނބުރާ ފޮނުވާލުމުންނެވެ.
ބޮޑުކުރި އެލަވަންސްތައް ހިމަނައިގެން ދެ ފަހަރެއްގެ މަތިން ޝީޓް ފޮނުވުމުން ވެސް ފިނޭންސް މިނިސްޓްރީ އިން ވަނީ މުސާރަ ޝީޓުތައް އަނބުރާ ފޮނުވާލާފަ އެވެ. އަދި ބޮޑުކުރި އެލަވަންސްތައް ނުހިމަނައި، ކުރިން އެލަވަންސް ދެމުން އައި ރޭޓުގައި މުސާރަ ޝީޓުތައް ތައްޔާރުކުރުމަށް ފަހު ޝީޓްތައް ފޮނުވުމަށް މިނިސްޓްރީން އެދުނެވެ.
މިނިސްޓްރީ އިން އެދުނު ގޮތަށް ކުރިން މުސާރަ އާއި އެލަވަންސްތައް ދެމުން އައި ރޭޓުގައި މުސާރަ ޝީޓްތައް ތައްޔާރުކުރުމަށް ފަހު ފިނޭންްސް މިނިސްޓްރީ އަށް ފޮނުވުމުން މިހާރު މުސާރަ ޖަމާކޮށްދީފައިވާ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ކުރިން ދެމުންއައި ގޮތަށް މިހާރު މުސާރަ ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި ބޮޑުކުރި އެލަވަންސްތަކުގެ މައްސަލަ މިނިސްޓްރީ އާއި ރައީސް އޮފީހުން ރިވިއު ކުރަމުން އަންނަ ކަމަށާއި ބޮޑުކުރި އަދަދަށް އެލަވަންސް ދިނުމާ މެދު ގޮތެއް ނިންމާނީ ރިވިއު ކުރުމަށް ފަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ އެލަވަންސްތައް ބޮޑުކުރުމުން ފުލުހުންގެ ތެރޭގައި އޮފީސް މަސައްކަތްކުރާ ސީނިއާ އޮފިސަރެއްގެ އެލަވެންސަށްވުރެ ފީލްޑުގައި މަސައްކަތްކުރާ ޖޫނިއާ އޮފިސަރެއްގެ އެލަވެންސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން އާދައިގެ މަގާމެއްގައި މަސައްކަތްކުރާ ފުލުހަކަށް ވެސް ގާތްގަނޑަކަށް 4000 އެއްހާ ރުފިޔާ ބޮޑުވެ އެވެ.
މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ވެސް ވަނީ ފުލުހުންނަށް ކަނޑައަޅާފައިޥާ ބަޖެޓް ބޮޑުކޮށްފަ އެވެ. އެގޮތުން 2016 ވަނަ އަހަރާ އަޅާބަލާއިރު ފުލުހުންގެ ބަޖެޓަށް ވަނީ 230 މިލިއަން ރުފިޔާ އިތުރު ކޮށްދީފަ އެވެ. 2016 ވަނަ އަހަރު ފުލުހުންނަށް 1.103 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިން އިރު، 1.334 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަހަރަށް ވަނީ ދީފަ އެވެ.
ފުލުހުންނަށް މުސާރަ ނުދީ ފިނޭންސް މިނިސްޓްރީ އިން ހިފަހެއްޓުމާ ގުޅިގެން ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ވަނީ 10،000 ރުފިޔާ އަށް ވުރެ އިތުރު ނުވާ އަދަދެއްގެ ލޯނު ދޫކުރަން ފަށާފަ އެވެ. ބުރާސްފަތި ދުވަހުގެ މެންދުރާ ހަމައަށް 200 އަށް ވުރެ ގިނަ ފުލުހުން ލޯނު ނަގާފައިވެ އެވެ. އިންޓްރެސްޓަކާ ނުލައި ދޫކުރި ލޯނުތައް އަނބުރާ ދައްކަންޖެހެނީ ދެ މަސް ދުވަހުންނެވެ.
މިއީ ސަރުކާރުގެ އިދާރާއެއްގައި މުސާރަ ނުދެވިގެން ލޯނު ދޫކޮށްގެން މުވައްޒަފުންތަކެއްގެ ބޭނުންތައް ފުއްދަން ޖެހުނު ފުރަތަމަ ފަހަރެވެ.