ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 19:28
ހޮނިހިރު ދުވަހުގެ ރޭގެ މެޗުގެ ތެރެއިން
ހޮނިހިރު ދުވަހުގެ ރޭގެ މެޗުގެ ތެރެއިން
އޭއެފްޕީ/ގެޓީ
އިންގްލިޝް ޕްރިމިއަރ ލީގް
ޔުނައިޓެޑު މޮޅުވެ، މޮރީނިއޯއަށް ހަމަނޭވާއެއް ލެވޭވަރުވެއްޖެ
މިހާރު އޮތީ ޓޭބަލްގެ އަށް ވަނައިގައި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ފަހަތުން އަރައި ނިއުކާސަލް ޔުނައިޓެޑް އަތުން ލިބުނު މޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއަށް ހަމަ ނޭވާއެއް ލެވޭ ވަރުވެއްޖެއެވެ.

ނިއުކާސަލް އާ ދެކޮޅަށް ޔުނައިޓެޑުން ނުކުތުމުގެ ކުރިން މީޑިއާގައި އެންމެ ބޮޑަށް ފެތުރިފައި އޮތް ވާހަކައަކީ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ހޯސޭ މޮރީނިއޯ އަށް އެ ޓީމުގެ ކޯޗުކަމުގެ ވަޒީފާ ގެއްލޭނެ ކަމަށެވެ.

ނިއުކާސަލް އަތުން 3-2 އިން މޮޅުވުމަށްފަހު މޮރީނިއޯ ބުނީ ކުރިއަށް އޮތްތާގައި ކިތަންމެ ޕްރެޝަރެއް ކުރިމަތިވި ވިޔަސް މުސްތަގުބަލާމެދު ހާސްނުވާ ކަމަށެވެ.

ދެޓީމުގެ ކުރިމަތުލުން ފެށުނުތާ މާ ގިނައިރެއްނުވެ މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ ނިއުކާސަލް އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ހަތް ވަނަ މިނިޓްގައި ކެނެޑީ ޖެހިއިރު، އޭގެ ތިން މިނިޓް ފަހުން ޖަޕާނުގެ ފޯވާޑް ޔޮޝިނޯރީ މޫޓޯ ވަނީ ލީޑުފުޅާކޮށްދީފަ އެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން މަޓާ ފުރަތަމަ ލަނޑު ޖެހިއިރު، އޭގެ ހަ މިނިޓް ފަހުން ނަތީޖާ ހަމަހަމަ ކޮށްދިނީ އެންތަނީ މާޝިއަލް އެވެ.

އިތުރު ވަގުތުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލެކްސިސް ސަންޗޭޒް އެވެ.

މެޗަށް ފަހު މޮރީނިއޯ ބުނީ ގިނަ ބަޔެއްގެ ބޭނުންވަނީ އޭނާ ކުށްވެރިކުރާނެ ގޮތެއް ހޯދުމަށް ކަމަށާއި އެހެންނަމަވެސް ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އޭނާ ބުނީ މި ފާޑުކިޔުންތަކަކީ އޭނާ އަށް ހުރަހެއް ކަމުގައި ނުވި ނަމަވެސް އެ ޓީމުގެ ކުޅުންތެރިންނަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

މި މޮޅާ އެކު ޔުނައިޓެޑް އޮތީ އަށް މެޗުން 13 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ރޭގެ މެޗުން މޮޅުވެގެން ނިއުކާސަލް އަށް ރެލިގޭޝަން ޒޯނުން ސަލާމަތްވެވެން އޮތެވެ. ނަމަވެސް އެ ޓީމު އޮތީ މޮޅެއް ނުލިބި އަށް މެޗުން ދެ ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް