މުޖުތަމައު ބިނާކުރުމުގައި މުރައްބީންގެ ދައުރު އެންމެ ބޮޑަށް އަދާކުރަންޖެހޭ ދެވަނަ ފަރާތަކީ މުދައްރިސުން ކަމަށާއި، އެމީހުންގެ އަގުވަޒަން ކުރުމަކީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"މުޖުތަމައު ބާއްޖަވެރިކުރުމަށްޓަކައި މުރައްބީންގެ ދައުރު" މިމައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މުދައްރިސުންނަކީ އެމީހުންގެ އުގަންނައިދޭ ދަރިވަރުންގެ ދެވަނަ މައިންބަފައިންގެ ގޮތުގައި ކަމަށެވެ.
ޚުތުބާގައި ބުނީ މައިންބަފައިން ދަރިންގެ ހަށިގަނޑު ތަރުބިއްޔަތުކޮށް މާއްދީގޮތުން ތަރުބިއްޔަތު ކުރާއިރު ދަރިންނަށް ރަނގަޅު ތައުލީމާއި ރިވެތިމާތް އަހުލާގު ދަސްކޮށްދީ އޭގެ މަތީގައި ދަރިންގެ ސިކުނޑިތައް ތަރުބިއްޔަތު ކުރުމުގެ ބުރަމަސްއޫލިއްޔަތު އުފުލަނީ މުދައްރިސުން ކަމަށެވެ. އެހެންކަމުން މުދައްރިސުންގެ އަގު ވަޒަން ކުރުމަކީ މުޅި މުޖުތަމައުގެ ވާޖިބެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ހަމައެއާއެކު މިމުހިންމު މުގައްދަސް މަސްއޫލިއްޔަތު އުފުލުމަށް ހަވާލުވާ މުދައްރިސުންނަކީ އެމީހުންގެ ކިބައިގައި ވަރަށް މުހިންމު ސިފަތަކެއް ހުންނަންޖެހޭ ބައެއްކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ އެމީހުން އަހުލާގީ ގޮތުން ރިވެތި ނަމޫނާ ޝަހުސިއްޔަތު ލިބިގެންވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. މިގޮތުން ﷲއަށް ބިރުވެތިވާ ތެދުވެރި އަމާނާތްތެރިއަކަށްވާން ޖެހޭ ކަމަށެވެ.
"އަދުލުވެރިކަމާއި، އިހުލާސްތެރިކަމާއި، އަބުރުވެރިކަމާއި، މުރުއްވަތްތެރި ކަމާއި، ހިލްމުވެރިކަމާއި ކެއްތެރިކަމުގެ އަހުލުވެރިންނަށް ވާންވާނެއެވެ. މީހުންނަށް އިހުތިރާމް ކުރާ އަދި އެހެންމީހުންގެ އިހުތިރާމު ލިބިގަންނަން ދަންނަބަޔަކަށް ވާންވާނެއެވެ." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މުދައްރިސުންނަކީ އިލްމަށް ލޯބިކުރާ އަދި އަބަދުވެސް އިތުރަށް އެނގުނުމަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި، މިފަދަ މުދައްރިސުންނަކީ މުސްތަގުބަލުގެ ޖީލުތައް ރަނގަޅު ގޮތުގައި ތައްޔާރުކޮށް މުޖުތަމައަށް ނެދެދިނުމުގެ މޭސްތިރިން ކަމަށެވެ. އަދި މިފަދަ މުދައްރިސުންނަކީ އިލްމުގެ އަހުލުވެރިން ކަމަށެވެ.
ކީރިތި ރަސޫލާ ހާދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ " އަދި ހަމަކަށަވަރުން އިލްމުވެރިޔާއަށް އުޑުގައިވާ (މަލާއިކަތުންނާއި) ބިމުގައިވާ އެންމެހާ މަހުލޫގުތަކުންނާއި ކަނޑުގައިވާ މަސްމަހާމެހި، އިސްތިއުފާރު ކުރެތެވެ. އަދި ހަމަކަށަވަރުން އަޅުވެރިޔާގެ މައްޗަށް އިލްމުވެރިޔާ މާތްވެގެންވަނީ ސާދަވިލޭރޭގެ ހަނދު އެންމެހާ ތަރިތަކުގެ މައްޗަށް މާތްވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން އިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިސުންނެވެ."
ޚުތުބާގައި ބުނީ ދަރިން އަބަދުވެސް ރިވެތި އަހުލާގާއި ހަރުދަނާސުލޫކުގެ ނަމޫނާ އަކަށް ބަލާނީ އެކުދިންގެ މައިބަފައިންނާއި އެދުރުން ކަމަށެވެ. ނުވަތަ އާއިލާގެ ގަދަރުވެރި މީހުންނެވެ. އެހެންކަމުން ދަރިންނަށް ހެޔޮ ނަމޫނާ ދެއްކުމަކީ މިހުރިހާ ފަރާތެއްގެ ވާޖިބެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ބުނީ މިފަދަ ފަރާތްތަކުގެ އަމަލުތައް މިއާ ހިލާފަށް ބަހައްޓާނަމަ އަދި މައިންބަފައިން ދަރިންގެ ތަރުބިއްޔަތަށް އިހުމާލުވެ އަޅައިނުލާނަމަ އެފަދަ ދަރިން ވެގެންދާނީ ހުންގާނެއްނެތް އޮޑިއެއްފަދައިން ކަމަށެވެ.