ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ އަނބިކަނބަލުން ފުރާ ވަޑައިގެންނެވީ އުމަރާއަކަށެވެ. އެކަމަނާ އާއި ހަގު ދަރިކަލުން ކޮލޮމްބޯ މަގުން ޖިއްދާ އަށް ވަޑައިގެންނެވީ ފްލައިޓް ނަންބަރު އެސްވީ 788 އިން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މިކަމާ ބެހޭ ގޮތުން ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ފާތިމަތު އިބްރާހިމް ފެނިގެން ދިޔައީ މި ސަރުކާރުގައި ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައެވެ. އަދި ރައީސް ޔާމީންގެ ކެމްޕެއިންގައި ވެސް އެކަމަނާ ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައި ވެއެވެ.
މީގެ އިތުރުން ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް އެކަމަނާގެ މައްޗަށް ކުރެވެއެވެ.
މެޑަމް ފާތުން، ސައުދީ އަށް ފުރާވަޑައިގެންނެވި މި ދަނޑިވަޅަކީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކޮށް ރައީސް ޔާމީނުގެ މަދު ސަޕޯޓަރުންކޮޅެއް ކޮންމެ ރެއަކު މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.