ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 16:48
މެސީ ލަނޑު ޖެހުމަށް ފަހު
މެސީ ލަނޑު ޖެހުމަށް ފަހު
އޭއެފްޕީ/ގެޓީ
ޔޫއެފާ ޗެމްޕިއަންސް ލީގު
އުނދަގޫވާނެ ކަމަށް ބެލެވުނު މެޗުން ބާސާއަށް ބޮޑު މޮޅެއް
މެސީ ވަނީ ދެ ލަނޑު ޖަހާފައި

ޔުއެފާ ޗެމްޕިއަންސް ލީގުގުގެ ފުރަތަމަ ބުރުގައި ބާސެލޯނާ އަށް އެންމެ އުނދަގޫވާނެ ކަމަށް ބެލެވުނު ޓޮޓެންހަމްގެ މެޗުން ބާސާ ބޮޑު މޮޅެއް ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ބާސާ އިން ކާމިޔާބުކުރީ4-2  އިންނެވެ. މި މެޗުގައި އެންމެ ތަފާތުކޮށް ފެނުނީ ބާސާގެ ތަރި ލިއޮނަލް މެސީއެވެ. އޭނާ ވަނީ މި މެޗުގައި ތަފާތުމޮޅު ކުޅުމެއް ދައްކާފައެވެ.

ޓޮޓެންހަމް އަތުން ބާސެލޯނާ މޮޅުވިއިރު މެސީ ވަނީ ޖުމްލަކޮށް މުޅި މެޗުގައި ވެސް ތަފާތު ދައްކާ ދެ ލަނޑު ވެސް ޖަހައިފައެވެ. އަދި އަނެއް ދެ ލަނޑު ޖެހުމުގައި މެސީގެ ދައުރު ވަރަށް ބޮޑެވެ.

ބާސެލޯނާ ގްރޫޕުގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތީ އިންޓަރ މިލާނެވެ.

ބުދަ ދުވަހުގެ ރޭގެ މެޗުގެ ދެ ވަނަ މިނިޓްގައި ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ހެދި ގޯހެއްގެ ފައިދާ ނަގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ފިލިއްޕޭ ކުޓީނިއޯއެވެ. ދެ ވަނަ ލަނޑު ޖެހީ އިވާން ރަކިޓިޗްއެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ހެރީ ކޭން ވަނީ ޓޮޓެންހަމަށް ގޯލެއް ޖަހައިދީފައެވެ. ނަަމަވެސް އޭގެ ހަތަރު މިނިޓް ފަހުން މެސީގެ ލަނޑަކާ އެކު ބާސެލޯނާ އިން ލީޑް ފުޅާކުރިއެވެ.

ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ޖެހީ 66 ވަނަ މިނިޓްގައި އެރިކް ލަމޭލާ އެވެ. ބާސެލޯނާ ފަހު ލަނޑު މެސީ ޖަހާފައި ވަނީ އިތުރު ވަގުތުގައެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ މި މެޗުގައި ބާސެލޯނާގެ ތަރިން ދެއްކި ތަފާތު ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް