މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.
ބުދަ ދުވަހު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-1 އިން ނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ނިއު ރޭޑިއަންޓަށް އަލަށް ގެނަ ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފައެވެ. މީގެ އިތުރުން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިން ނިއު އިން ވަނީ ގްރީން ސްޓްރީޓާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން ނެވެ.
އާ ސީޒަނަށް ނިއު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގައުމީ ޓީމުގައި ވެސް އަދި ކްލަބު ލެވެލްގައި ވެސް ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވަނީ ގެނެސްފަ އެވެ. އެކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެއް ނަންބަރ ގޯލްކީޕަރ އިމްރާން މުހައްމަދާއި ޓީސީ އަށް ކުޅެމުން އައި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި މިދިޔަ ސީޒަންގައި ވެލެންސިއާއަށް ކުޅުނު މިޑްފީލްޑަރ އަކްރަމް އަބްދުލް ގަނީ އާއި މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބ. އޭދަފުށީ ޓީމުގެ ގޯލްކީޕަރ އަބްދުﷲ ޒިޔަޒަންގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަބުދުﷲ މިދުހަތު ފަހުމީ ހިމެނެ އެވެ.
މީގެ އިތުރުން ބިދޭސީ ކޯޗަކާއި ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ވަނީ ގެނެސްފަ އެވެ. އަދި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 10 އިން 17 އަށް ނިއު ރޭޑިއަންޓުން ހއ. ކެލާގައި ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. އެ ދަތުރުގައި ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކްލަބުން މައުލޫމާތުދެ އެވެ.