ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 13:55
މާޒިޔާގެ މެޗެއްގައި އިންމަ އިރުޝާދު ދެނީ
މާޒިޔާގެ މެޗެއްގައި އިންމަ އިރުޝާދު ދެނީ
އިމޭޖަސް.އެމްވީ
ދިވެހި ޕްރެމިއާ ލީގު
ފުޓުބޯޅައިގެ ހާލަތާއިމެދު އުފާކުރެވޭކަށް ނެތް: އިންމަ
މާޒިޔާ އިން ދުރާލާ ތައްޔާރުވޭ

މާލީ މައްސަލަތަކެއް މާޒިއާއަށް ކުރިމަތިވެފައި ނެތުމަކުން އެކަމާއި އުފާކުރެވެން ނެތް ކަމަށާއި އެއަށް ވުރެ ދިވެހި ފުޓްބޯޅަ އޮތީ މާ ދެރަކޮށް ކަމަށް މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އަތުން 4-1 އިން މާޒިޔާ މޮޅުވި މެޗަށް ފަހު އިންމަ ބުނީ ލީގުގައި ވާދަކުރާ އެހެންޓީމުތައް އޮތް ހާލަތުގެ ސަބަބުން ދިވެހި ފުޓުބޯޅާ އޮތީ ވަރަށް ދެރަ ހާލެއްގައި ކަމަށެވެ.

ދިވެހި ޕްރެމިއަރ ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މުސާރައިގެ މައްސަލައެއް ދިމާނުވެ، ބަރާބަރަށް މުސާރަ ދެމުން އަންނަ ހަމައެކަނި ކުލަބަކީ މާޒިޔާއެވެ.

އިންމަ ބުނީ މާލީ ގޮންޖެހުންތައް މާޒިޔާއަށް ވެސް ކުރިމަތިވި ކަމަށާއި، އެ ޓީމަށް މިހާރު ހަމަޖެހިލައިގެން އޮވެވެނީ މި ފަދަ ހާލަތްތައް އަންނާނެތީ އެކަމަށް ތައްޔާރުވެގެން ތިބުމުން ކަމަށެވެ.

މާޒިޔާގެ މެނޭޖްމަންޓުން އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވާ ކަމަށާއި މި ސީޒަން ނިމެންދެން އެއްވެސް ޕްލޭޔަރަކަށް މުސާރަނުދެވި ނުހުންނާނެ ކަމަށެވެ.

މާޒިޔާގައި ކަންތައްތައް ހަމަޖެހިފައި ހުރުމަކީ އެ ކްލަބަށް އޮތް އެޑްވާންޓޭޖެއް ކަމަށް ގަބޫލު ނުކުރެވޭ ސަބަބުތަކެއް ވެސް އެބަހުރި ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

އިންމަ ބުނީ ބަޔަކަށް ދެރައެއް ލިބުނީމަ އެކަމުގެ އުފާ މާޒިއާއިން ފާހަގަ ނުކުރާނެ ކަމަށެވެ. ޓީމުތަކަށް މާލީ މައްސަލަތައް ދިމާވުމަކީ މާޒިޔާ އަށް އޮތް އެޑްވާންޓޭޖަކަށްވުރެ ބޮޑަށް ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް އިންމަ ބުންޏެވެ.

ލީގުގައި ދެން މާޒިޔާ ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ހަވީރު ބައްދަލުކުރާނީ ތ. ތިމަރަފުއްޓާ އެވެ. އެކަމަކު ތިމަރަފުށީ ޓީމުންވެސް މެޗަށް ހާޒިރުވެދާނެ ކަމާއިމެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މާލީ ގޮތުން ގިނަ ކްލަބުތަކަކަށް ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާއިރު، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަތޮޅުތަކުގެ ކްލަބުތަކަށް ވަރަށް ބޮޑަށް ގެއްލުން ދައްކަމުންދާ ކަމަށް އެ ކްލަބުތަކުގެ އޮފިޝަލުން ދަނީ ބުނަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް