ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 12:01
ދިވެހި ލީގުގައި ވިކްޓަރީ ކުޅުނު މެޗެއްގެ ތެރެއިން
ދިވެހި ލީގުގައި ވިކްޓަރީ ކުޅުނު މެޗެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ދިވެހި ޕްރެމިއަރ ލީގު
ވިކްޓަރީން މެޗަކަށް ނުދިޔަ!
ދިވެހި ލީގުގައި ޓީމެއް މެޗަކަށް ނުދިޔަ ފުރަތަމަ ފަހަރު
މާލީ ގޮތުން ވިކްޓަރީއަށް ގޮންޖެހުންތަކެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ޓީސީ ސްޕޯޓްސް ކްލަބް ކުޅެންޖެހޭ މެޗަށް ވިކްޓަރީ ދަނޑަށް ހާޒިރެއް ނުވިއެވެ.

ވިކްޓަރީން ދަނޑަށް ހާޒިރުނުވުމުން ޓީސީ އަށް ވަނީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލް ލިބިފައެވެ. އަދި އެފްއޭއެމްގެ ގަވައިދުގައިވާ ގޮތުގެ މަތިން ވިކްޓަރީ 25،000ރ. އިން ޖޫރިމަނާ ވެސް ކުރާނެއެވެ.

ބުދަ ދުވަހުގެ ރޭގެ މެޗަށް ވިކްޓަރީން ނުދާން ނިންމީ ކުޅުންތެރިންނަށް މުސާރަ ނުދެވި، މާލީ ގޮތުން ކުލަބަށް ދިމާވެފައިވާ ބޮޑު ގޮންޖެހުންތަކުގެ ސަބަބުންނެވެ.

ބޮޑު ބްރޭކަކަށްފަހުން ދިވެހި ލީގުގެ ކުޅުން ފެށިފަހުން ވިކްޓަރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ޕްރެކްޓިސް ކޮށްފައެއްނުވެއެވެ. އަދި މުބާރާތުގެ ކުޅުން އަލުން ފެށިފަހުން ވިކްޓަރީ ކުޅެފައިވަނީ އެންމެ މެޗެކެވެ. މާޒިޔާއާ ދެކޮޅަށް ކުޅުނު އެމެޗަށްވެސް ކުޅުންތެރިން ހަމަކުރެވުނީ ހަމަ ކިރިޔާއެވެ.

ޓީސީ މެޗަށް ވިކްޓަރީގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ބައެއް ފަރާތްތަކުން ދާންބޭނުންވިޔަސް، ދަނޑަށް ނުދިޔައީ ކްލަބް ހިންގުމުގައި އަމަލީކޮށް މަސައްކަތްކުރާ ބޯޑުގެ ބައެއް މެމްބަރުން މެޗަށް ނުކުންނަން ބޭނުންނުވިއެވެ.

ލީގުގައި މި ވަގުތު ވިކްޓަރީ އޮތީ ހަތަރު މެޗުން ހޯދި ފަސް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ފުރައިގެން ދިޔައީ މުސާރަ ނުލިބުމާއި ކްލަބްގައި ކުރިއަށްދާން އެކަށީގެންވާ މާހައުލެއް ނެތުމުންނެވެ.

މީގެ އިތުރުން ވިކްޓްރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ މިހާރު ހަތަރު މަސް ވެއްޖެއެވެ. އެގޮތުން އެޓީމުގެ ކުޅުންތެރިން އެކަމާ ހިތްހަމަނުޖެހިގެން އުޅޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ވިކްޓްރީގެ ޗެއާމަން އަކީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ. ވައިސް ޗެއާމަން އަކީ ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ.

މާޗުމަހު އޮތް އިންތިޚާބުގައި މަޤާމަށް އައްޔަންވުމުގެ އިތުރުން މި ދެބޭފުޅުންގެ އަޅާލުމެއް ކްލަބަށް ނުލިބޭތާވެސް ދުވަސްތަކެއް ވަނީ ވެގެން ގޮސްފައެވެ.

މިއީ ދިވެހި ޕްރިމިއާ ލީގުގައި ޓީމެއް މެޗަށް ނައިސް، މެޗު ދޫކޮށްލާ ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި ވިކްޓަރީން ގިނަ މައްސަލަތަކެއް ފެނުނެވެ. މެނޭޖްމަންޓާ އެހެން ކަންތައްތައް އޮތީ ބޮއްސުންލައިފަ އެވެ.

ވިކްޓަރީ 2012 ވަނަ އަހަރު އަޑިއަޅާލި ފަހުން އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. ކްލަބް ހިންގުމުގައި ގިނަ މައްސަަލަތަކެއް ކުރިމަތިވެގެންދިޔައިރު، އެކަމުގެ ސަބަބުން ކްލަބަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް