ކަފާލާތުގެ ދަށުން މިނިވަން ކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ބުރާސްފަތި ދުވަހު ފެށުމަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
ރައީސް މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށް ފަހުއެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލިއެވެ. ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.
އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވި ކަމުގައި ބަލައި ކުރި ޙުކުމުގައި ރައީސް މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ރައީސް މައުމޫން ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކުރީ މިދިޔަ މަހު 30 ވަނަ ދުވަހުއެވެ. ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރީ އިސްތިއުނާފު މައްސަލާގައި ހައިކޯޓަށް ގޮތެއް ކަނޑައެޅެންދެނެވެ.
މި މައްސަލައިގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ރައީސް މައުމޫނަށް ކުރެ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ދަށު ކޯޓުގައި ވެސް ނުފަށައެވެ. ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.