އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި، ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު ބައްދަލުކުރައްވައިފި އެވެ.
އިންތިހާބީ ރައީސާއި ބައްދަލުކުރެއްވުމަށްފަހު ސަރީރު ކުރެއްވި ޓުވީޓެއްގައި ވަނީ އިބޫއަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށް ވިދާޅުވެ ޓުވީޓްކުރައްވާފަ އެވެ. އަދި ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގެންފަ އެވެ.
ބުދަ ދުވަހު (މިއަދު) ބޭއްވި އެ ބައްދަލުކުރެއްވުމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު އިބޫ ގެންދަވަނީ ސަރުކާރުގެ އިސް ވެރިންނާއި، ދައުލަތުގެ އިސްވެރިންނާއި ބައްދަލުކުރައްވަމުންނެވެ. އެގޮތުން އެމްއެމްއޭގެ ގަވަރުނަރާއި އިބޫ ބައްދަލުކުރައްވާފައިވާއިރު، ކުރީގެ އެކްޓިން ކޮމިޝަނަރަ އޮފް ޕޮލިސްގެ އިތުރުން އެމްއެންޑީއެފްގެ އިސް ބޭފުޅުންނާއިވެސް އިބޫ ވަނީ ބައްދަލުކުރައްވާފަ އެވެ.
އޭގެއިތުރުން ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ހަރަކާތްތެރިވާ ޓީމުން ގެންދަނީ މިނިސްޓްރީތަކާއި، ކުންފުނިތަކަށްވެސް ވަޑައިގެން ކަންތައްތައް ބައްދަލަވަމުންނެވެ.
މިހާރު ކަނޑައަޅާފައިވާގޮތުން އިބޫ ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދެވުމަށް އިބޫ ވަނީ ނިންމަވާފަ އެވެ. އެ ރަސްމިއްޔާތުވެގެންދާނީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ހުވާކުރެއްވުމުގެ ފުރަތަމަ ރަސްމިއްޔާތަށެވެ.