ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 19:57
މިއަދުގެ މެޗުގެ ތެރެއިން
މިއަދުގެ މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ދިިވެހި ޕްރެމިއަރ ލީގު
މާޒިޔާ ހަތަރު ވަނައަށް ޖެހިލައިފި
ގްރީން އޮތީ ފަސް ވަނައިގައި

ިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗު މާޒިޔާ އިން 4-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

މާޒިޔާ ހަތަރު ވަނަ އަށް ޖެހިލީ ލީގުގެ ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާ އެއްވަރަށް ހަ މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

މި މެޗުގައި މާޒިޔާގެ ނާއިޒު ހަސަން (ދާދު) ވަނީ ހެޓްރިކެއް ހަދާފައެވެ. މި މެޗުގައި ލަނޑު ޖަހަން ފުރަތަމަ ފުރުސަތު ލިބުނީ ގްރީން ސްޓްރީޓްސްގެ ޔޫކްރޭނުގެ ފޯވާޑް ރޮލާންޑް ރަސެލް އަށެވެ.

މާޒިޔާ އިން މެޗުގެ 14 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ދާދު އެވެ. ދެ ވަނަ ހާފް ފަށައިގެން މެޗުގެ 52 ވަނަ މިނިޓްގައި ޝައްފާޒް މުހައްމަދު (ސައްޕޭ) ވަނީ ގްރީނަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

 މާޒިޔާ އިން އަލުން ލީޑުނެގީ މެޗުގެ 68 ވަނަ މިނިޓްގައި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ކާމިޔާބުކުރި ޕެނަލްޓީންނެވެ. 83 ވަނަ މިނިޓުގައި ދާދު ވަނީ މާޒިޔާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ދާދު ވަނީ މެޗުގެ 86 ވަނަ މިނިޓްގައި އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ތަފާތަކަށްވީ ފަހު ވަގުތުކޮޅަށް ދިޔައިރު މާޒިޔާގެ ފިޓްނަސް ލެވަލް ރަނގަޅުވުން ކަމަށެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވުމަކީ ކުރިއަށްދާން ބަލާއިރު އޮތް ހިތްހަމަ ޖެހުމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް