އަމިއްލަފުޅަށް އަރުވާލެވިގެން ދެ އަހަރު ވަންދެން ސްރީ ލަންކާގައި ދިރިއުޅުއްވުމަށް ފަހު އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ޚިޔާނާތްތަކެއް ފަޅާއަރުވާލި އޮޑިޓް ރިޕޯޓެއް ނެރުމާއެކު ޤާނޫނަށް ގެނައި އިސްލާހަކުން ނިޔާޒް ވަނީ މަޤާމުން ވަކިކޮށްފައެވެ. އަދި ނިޔާޒު ގެންދަވަނީ މަޤާމުން ވަކިކުރި ފަހުން ވެސް ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަން ރައްޔިތުންނަށް ހާމަ ކޮށްދެއްވަމުންނެވެ.
ނިޔާޒް ސްރީ ލަންކާ އަށް ދިރިއުޅުން ބަދަލު ކުރެއްވީ އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާ އަރުވައިލުމުން ލިބުނު އިންޒާރުތަކާ ގުޅިގެންނެވެ.
އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ހޯދި ކާމިޔާބީއާއެކު ގިނަ ފަރާތްތަކުން ވަނީ އެނބުރި ރާއްޖެ އައުމަށް ނިންމާފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޮވެމްބަރު އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާއިރު ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.