ބްލެކްމެއިލް ކުރިކަމަށް ބުނާ މައްސަލާގައި ފުލުހުންގެ ހައްޔަރުގައިހުރި މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށްފި އެވެ.
ޒައިދުލް އަމީން ނިސްބަތްވާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން މައުލޫމާތުދިން ގޮތުގައި ޒައިދުލް އަމީން ގޭބަންދަށް ބަދަލު ކޮށްފައިވަނީ 48 ގަޑިއިރަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށްވެސް ރައީސް މައުމޫންގެ ފެކްޝަނުން މައުލޫމާތު ދެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ފުލުހުން ޒައިދުން އަމީން ހައްޔަރުކޮށްފައިވަނީ މިދިއަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. ޖެހިގެންއައި 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އަދި އޭގެފަހުން ޖެނުއަރީ 28 ވަނަ ދުވަހު ދެވަނަ ފަހަރަށް ޒައިދުލް އަމީންގެ ބަންދަށް 15 ދުވަސްޖަހާފައި ވެއެވެ.
ބްލެކްމެއިލްކުރި ކަމަށް ބުނާ މައްސަލައެއްގައި ޒައިދުލް އަމީންގެ ހައްޔަރުކޮށް އަދި މިހާރު ގޭ ބަންދަށް ބަދަލުކޮށްފައިވީ ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އަދި ފުލުހުންގެ އިދާރާއިންވެސް އެކަމުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ޒައިދުލް އަމީނަކީ މާލޭ ސިޓީ ކައުންސިލްގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރެވެ. އޭގެ އިތުރުން ޒައިދުއަކީ ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ ވެސް ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. ޕީޕީއެމް ދެ ފެކްޝަނަށް ބެހުނުއިރު، ޒައިދު ހުންނެވީ ރައީސް މައުމޫނުގެ ފެކްޝަންގަ އެވެ.