ޕީޕީއެމްގެ ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފި އެވެ.
އީސީން ކުރި ޓްވީޓްގައި ބުނެފައި ވަނީ ޕީޕީއެމްއިން ސެޕްޓެމްބަރު 28 ގައި ހާއްސަ ގޮތުން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާފައިވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށާއި އެހެންވެ، އެ ޖަލްސާގެ ނިންމުންތައް ބަލައިގަނެވެން ނެތް ކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މިއީ ޕާޓީއެއްގެ ކޮންގްރެސްއެއް އެއްކޮށް ބާތިލްކުރި ފުރަތަމަ ފަހަރެވެ.
މިގޮތަށް އީސީން ނިންމާފައި މިވަނީ ކޮންގްރެސް ބާއްވާފައިވަނީ ޕާޓީގެ އަސާސީ ޤަވާއިދާ އަދި އެޕާޓީގެ އިންތިހާބުތަކާއި ބެހޭ ޤަވާއިދާ އެހެނިހެން ވެސް ޤަވާއިދު ތަކާއި އެޕާޓީގެ އުސޫތަކާއި ހިލާފަށް ކަމަށް ވިދާޅުވެ ކޮންގްރެސް ބާތިލުކޮށް ދެއްވުމަށް އެދި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އީސީ އަށް ހުށަހަޅާފައި ވަނިކޮށެވެ.
ކޮންގްރެސް ބާތިލް ކުރުމަށް ރައީސް މައުމޫން އީސީއަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ ގިނަ ކަންތައްތަކެއް ހާމަކުރައްވާފައެވެ.
އެގޮތުން ޕީޕިއެމްއިން ޚާއްސަ ގޮތުން 28 ސެޕްޓެމްބަރ 2018 ގައި ބޭއްވި ޤައުމީ ޖަލްސާ ބާއްވާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށް ބަޔާންކުރައްވާފައިވެއެވެ.
މީގެ އިތުރުން ކައުންސިލްގެ ދައުރަކީ 5 އަހަރު ދުވަސްކަން އަސާސީ ގަވާއިދުގެ 81 ވަނަ މާއްދާއަށް ބެލުމުން އެނގޭ ކަމަށާއި، އެހެން ކަމުން އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކައުންސިލް ވަނީ ޖެނުއަރީ 2018 ގެ ނިޔަލަށް އުވިފަ ކަމަށް ރައީސް މައުމޫންގެ ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ވެސް ޕާޓީގެ ރައީސްގެ ބެއްލުމުގެ ދަށުން ކަމަށްވާއިރު، ޕާޓީގެ ރައީސް ޕާޓީގެ މެންބަރުކަމުން ވަކިކުރި ކަމަށް އަސާސީ ގަވާއިދާ ހިލާފަށް ވަނީ ކަނޑައަޅާފައި ކަމަށެވެ.
ޕީޕީއެމް އިން ކުއްލި ގޮތަކަށް ބޭއްވި ކޮންގްރެސްގައި ވަނީ ގިނަ ނިންމުންތަކެއް ބާތިލްކޮށްފައެވެ.