އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީ ފާހަގަކޮށް، ވައިޓް ހައުސްގެ ސަލާމަތާބެހޭ ކައުންސިލުން ބުދަ ދުވަހު މަރުޚަބާ ކިޔައިފި އެވެ.
ވައިޓް ހައުސްގެ ސަލާމަތާބެހޭ ކައުންސިލްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ރާއްޖޭގެ އިންތިޚާބީ ރައީސް ސާލިޙް ހޯއްދެވި ބޮޑު ކާމިޔާބަށް އެމަނިކުފާނަށް މަރުހަބާ ދަންނަވަން!" ކަމަށެވެ
ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިޚާބަށް އިޝާރަތް ކުރައްވައި، ވައިޓް ހައުސްގެ ސަލާމަތާބެހޭ ކައުންސިލުން ބުނެފައިވަނީ ދިވެހިންގެ ބަސް އިއްވައިފިކަމަށާއި ރާއްޖެއާއެކު ސަލާމަތީ ކަންކަމާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ގުޅުން ބަދަހިވެގެން ދާނެ ކަމަށް ދެކޭ ކަމަށެވެ.
Congratulations to Maldives’ President-elect Solih on his big win! The people of Maldives have spoken. The US looks forward to strengthening our partnership to promote security, prosperity, and democracy.
— NSC (@WHNSC) October 2, 2018
ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސާލިހަށް އެކަން އެންގުމުން އެމެރިކާގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއަރޒް އިން އަންގާރަ ދުވަހުވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް މަރުހަބާ ކިޔާފައެވެ.
މީގެ އިތުުރުން އިންތިޚާބުގެ ދާއިމީ ނަތިޖާ އިއުލާނުކުރުމުގެ ކުރިން ވެސް އެމެރިކާ އިން ވަނީ ރިޔާސީ އިންތިޚާބުގައި، ގައުމުގެ މުސްތަގުބަލު ކަނޑައެޅުމަށްޓަކައި ޑިމޮކްރެޓިކް އުސޫލުން ބަސްބުނެފައި ވާތީ ދިވެހިންނަށް މަރުހަބާ ކިޔާފައެވެ.
ދުނިޔޭގެ ސަމާލުކަން ހުއްޓިފައި އޮތް ރާއްޖޭގެ ރިޔާސީ އިންތިޚާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރެއްވީ 58.4 އިންސައްތަ ވޯޓް ހޯއްދަވައިގެންނެވެ. ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކުރައްވައިގެން ކެމްޕެއިން ކުރައްވަމުން ދެވަނަ ދައުރަކަށް ނުކުންނެވި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެންނެވީ 41.6 އިންސައްތަ ވޯޓެވެ.
އެމެރިކާގެ ސެކިއުރިޓީ ކައުންސިލުން މަރުހަބާ ކިޔާފައިވާއިރު ރައީސް ޔާމީން މިހާރު ގެންދަވަނީ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން މުޒާހަރާ ކުރައްވަމުންނެވެ.