ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފު ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.
ޕާޓީއަކާއި ގުޅިވަޑައިނުގެން ހުންނަވާތާ ހަތަރު އަހަރު ފަހުން މަހުލޫފު މިގޮތަށް އިއުލާން ކުރައްވާފައި މިވަނީ އަމިއްލަފުޅު ޓުވިޓާ މެދުވެރިކުރައްވާ މިއަދުއެވެ.
"ހަތަރު އަހަރަށް ފަހު އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް ޕާޓީއަކާއި ގުޅޭނަން" މަޚްލޫފު ވިދާޅުވިއެވެ.
After 4 years In Sha Allah I will be joining a political party soon.
— Ahmed Mahloof (@AhmedMahloof) October 2, 2018
މަހްލޫފު ޕާޓީއަކާ ގުޅޭނެ ކަމަށް ވިދާޅުވި ނަމަވެސް ގުޅެނީ ކޮން ޕާޓީއަކާއި ކަމަށް މަހްލޫފު ވިދާޅެއް ނުވެއެވެ. ނަމަވެސް މަހްލޫފަކީ އެމްޑީޕީ އާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެކެވެ.
މަހްލޫފަކީ އިދިކޮޅު އިއްތިހާދު އުފެދިގެން އައި އިރު އިދިކޮޅުގެ އިއްތިހާދުގެ ތަރުޖަމާނެވެ. މަހްލޫފު މެމްބަރު ކަމަށް ހޮވިވަޑައިގަތީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން މަހްލޫފު ވަނީ ޕީޕީއެމުން ވަކިކޮށްފައެވެ.
މަހްލޫފު މިނިވަން ކޮށްފައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާބް ކުރެއްވުމަށްފަހުގައެވެ.
މަހްލޫފު ޖަލަށް ލާފައި ވަނީ މުޒާހަރާގައި މާސްކު ބެހި ކަމަށް ބުނެއެވެ. އަދި ހަތަރު ދައުވާއެއް މަހްލޫފުގެ މައްޗަށް އުފުލިއެވެ. އޭގެ ތެރެއިން ދެ މައްސަލައެއް ކޯތުން ވަނީ ބާތިލްކޮށްފައެވެ.