ރިޔާސީ އިންތިޚާބުގެ ވަގުތީ އަދި ރަސްމީ ނަތީޖާއާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް މިހާތަނަށް ވެސް ހުށައެޅިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިީސީގެ މެންބަރުން އިސްވެތިއްބަވާ އިންތިޚާބު އޮޅުވާލުމަށް މަސައްކަތް ކުރެއްވި ކަމަށް ޕީޕީއެމުން ތުހުމަތުކޮށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮމިޝަނުގެ މެންބަރުންގެ އިސްތަށިފުޅުގައި އެކި ކަހަލަ އިލްޒާމްތައް އަޅުވައި، އިންތިޚާބުގެ ސައްޚަކަމާއިމެދު ސުވާލު އުފެއްދުމުގެ ގޮތުން އެކި ފާރާތްތަކުން ކެނޑިނޭޅި ތަފާތު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މީސްމީޑިއާާއި އެހެނިހެން ވަސީލަތްތަކުން ކޮމިޝަނުގެ އިސް ބޭފުޅުންނަށް މަރުގެ އިންޒާރުދީ، ހަދަމުންދާތީ ކަންބޮޑުވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް އިން ބުނީ ނިމިދިޔަ އިންތިޚާބަކީ، ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ މިނިވަން އިންސާފުވެރި އިންތިޚާބުކަމަށް ސިޔާސީ ޕާޓީތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި ބައިނަލްއަގުވާމީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ގަބޫލުކޮށްފައިވާކަމަށެވެ.
ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭފަދަ ދަށުދަރަޖައިގެ އަމަލުތައް ނުހިންގުމަށް އެކޮމިޝަނުން ވަނީ ގޮވާލާފައެވެ. އަދި ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުންމަތީ ދެމި ތިބޭނެކަމުގެ ޔަގީންކަންދޭ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.