ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 18:44
ސާޖިއޯ އަގުއޭރޯ
ސާޖިއޯ އަގުއޭރޯ
އޭއެފްޕީ/ގެޓީ
އިނގިރޭސި ޕްރެމިއަ ލީގު
އަގުއެރޯއަށް ޝިއަރާގެ ރެކޯޑް މުގުރާލެވިދާނެ: ބެނާޑޯ ސިލްވާ
މިވަގުތު އޮތީ ތިން ވަނައިގައި
ޝިއަރާގެ ރެކޯޑަކީ 260

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ސާޖިއޯ އަގުއޭރޯއަށް މުގުރާލެވިދާނެ ކަމަށް އޭނާއާ އެކު މެންޗެސްޓާ ސިޓީ އަށް ކުޅޭ ބެނާޑޯ ސިލްވާ ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް މިހާރު އޮންނަނީ އެލަން ޝިއަރާގެ އަތުގައެވެ. އޭނާ ވަނީ ޖުމްލަ 260 ގޯލު ޖަހާފައެވެ.

ސިލްވާ ބުނީ ކޮންމެ ސީޒަނެއްގައިވެސް އަގުއޭރޯ ޖަހާ ލަނޑުގެ އަދަދު އިތުރުކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ޝިއަރާގެ ރެކޯޑާއި ހަމަކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ.

ހޮނިހިރު ދުވަހު ބްރައިޓަން ކޮޅަށް އަގުއެރޯ ޖެހި ލަނޑާ އެކު ވަނީ 148 ލަނޑު ހަމަކޮށް ނިއުކާސަލް ޔުނައިޓެޑަށް ޝިއަރާ ލަނޑު ޖެހި އަދަދާ ހަމަކޮށްފައެވެ.

އެކަމަކު އުމުރުން 30 އަހަރުގެ އަގުއޭރޯ އަށް ޝިއަރާގެ ޖުމްލަ ރެކޯޑާ ހަމަކުރަން އަދި 112 ލަނޑު ބޭނުންވެއެވެ.

ސިލްވާ ބުނީ އަގުއޭރޯ އަކީ މެންޗެސްޓާ ސިޓީގެ ތާރީހު ދުށް އެންމެ މޮޅު ލަނޑު ޖެހުންތެރިޔާ ކަމަށެވެ. އަދި އޭނާއަކީ މެންޗެސްޓާ ސިޓީ އާއި ޕްރިމިއާ ލީގުގެ ވެސް ލެޖެންޑެއް ކަމަށް ސިލްވާ ބުންޏެވެ.

ޕްރިމިއާ ލީގުގެ އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގައި މިވަގުތު އަގުއޭރޯ އޮތީ ތިން ވަނައިގައެވެ. އެއް ވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑަށް 183 ލަނޑު ޖަހައިދިން ވޭން ރޫނީއެވެ. ތިން ވަނައިގައި އޮތީ އާސެނަލަށް 175 ގޯލް ޖަހައިދީފައިވާ ތިއެރީ އޮންރީއެވެ.

ޕްރިމިއާ ލީގުގެ އޯލް-ޓައިމް ލަނޑުގެ ލިސްޓުގެ އެއް ވަނައިގައި ޝިއަރާ އޮތީ 260 ގޯލް ޖަހައިގެންނެވެ. އަގުއޭރޯ 148 ލަނޑާ އެކު ލިސްޓުގެ 10 ވަނައިގައި އޮތް ނަމަވެސް، ޝިއަރާ ހަމަކުރުމުގެ ފުރުސަތު މިވަގުތު އެންމެ ބޮޑީ އޭނާ އަށެވެ.

އަގުއޭރޯއަށް ފުރުސަތޮ ބޮޑުވެފައިވަނީ ދެން ތިބި އަށް ކުޅުންތެރިންގެ ތެރެއިން ހަތް ކުޅުންތެރިން ރިޓަޔާކޮށްފައިވާތީއާ ރޫނީވެސް އެމެރިކާގެ މޭޖަރ ލީގުގައި ކުޅެމުން އަންނާތީއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް