ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 16:32
ވިކްޓަރީ މާޒިޔާއާ މެޗުގެ ތެރެއިން
ވިކްޓަރީ މާޒިޔާއާ މެޗުގެ ތެރެއިން
ނިޝާން އަލީ
ވިކްޓަރީ ސްޕޯޓްސް ކުލަބު
ވިކްޓަރީ ބޮޑު އަނދަވަޅެއްގައި، ވެރިން ފޯނެއް ނުނަގާ!
މުސާރަ ނުދޭތާ ހަތަރުމަސް

ކުރީގެ ފުޓްބޯޅައިގެ ގަދަ ބާރު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހާލަތު ގޯސްވެ، އެ ކުލަބު އަނދަވަޅަކަށް ވެއްޓިފައިވާ ދަނޑިވަޅުގައި ކުލަބުގެ ވެރިން ފޯނު ނުނަގާތީ، މޭނެޖްމަންޓާއި ބައެއް ކުޅުންތެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވިކްޓަރީގެ އޮފިޝަލަކު ބުނީ އެ ކުލަބުގެ 47 އަހަރުވީ ތާރީހުގައިވެސް މިހާ ދަށު ދަރަޖައަށް އެކުލަބު ވެއްޓިގެން ގޮސްފައި ނުވާ ކަމަށެވެ.

އޮފިޝަލު ބުނީ، ޓީމުގެ ބޯޑާއި ކުޅުންތެރިންނާ ދެމެދު ގުޅުން ކެނޑިފައިވާ ކަމަށާއި މިކަމަކީ މީގެކުރިން ވިކްޓަރީގެ ތެރެއިން ފެނިފައިވާ މަންޒަރެއް ނޫން ކަމަށެވެ.

ވިކްޓަރީގެ ވެރިން ފޯނު ނުނަގާ ކަމަށް އޮފިޝަލް އިޝާރާތް ކުރީ އެކުލަބުގެ ޗެއާމަނާއި ވައިސް ޗެއާމަނަށެވެ. ވިކްޓަރީގެ ޗެއާމަނަކީ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ. އަދި ވައިސް ޗެއާމަނަކީ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ.

ދިރާގު ޕްރެމިއަރ ލީގުގައި އެންމެ ފަހުން ވިކްޓަރީ މާޒިޔާ ދެކޮޅަށް ނުކުތީ ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވައެވެ. އެދުވަހު ކުލަބުގެ ގިނަ ކުޅުންތެރިން ތިބީ އެ މެޗަށް ނުނިކުންނަ ގޮތަށެވެ.

ގިނަ ކުޅުންތެރިން ނުކުޅެން ތިއްބަސް އެދުވަހުގެ އެ ކުޅުންތެރިންގެ ވިސްނުން ބަދަލު ނުކުތީ ކެޕްޓަން ޝާފިއު އަހްމަދު (ޝާފީ) ގެ އެދުމުގެ މަތިންނެވެ.

ޖުލައި މަހު ފަހު ކޮޅުގައި ގައުމީ ޓީމަށް ބްރޭކު ދިނުމަށް ލީގު މެދުކަނޑާލި ފަހުން ވިކްޓަރީން ޕްރެކްޓިސް ކޮށްފައެއް ނުވެ އެވެ. އަދި މުސާރަ ނުދޭތާ މިހާރު ވަނީ ހަތަރު މަސް ހޭދަ ވެފައެވެ.

މާޗް މަހު ބޭއްވި އިންތިހާބުގައި، ޗެއާމަން ކަމަށް ވަޑައިގެން، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އޭރު ވިދާޅުވީ ފުޓްބޯޅައިގައި މާ ފަހަތުގައި އޮތުން ވިކްޓަރީ އަށް ހައްގު ނުވާ ކަމަށާއި، ވިކްޓަރީ ކުރިން އޮތް މާގަމަށް ގެންގޮސް ދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް