ވޯޓު އޮޅުވާލިކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުޒާހަރާ ކުރުމާއެކު އެކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީ ރައީސް ޔާމީން ގަބޫލުކުރެއްވިތާ، އެއް ހަފުތާ ފަހުން ވޯޓު އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ހޯމަ ދުވަހުގެ ރޭ ވަނީ މުޒާހަރާކޮށްފަ އެވެ. މާލޭގެ މަގުތަކުގައި މުޒާހަރާކުރުން ހުއްޓުވުމަށް މި ސަރުކާރުން ގާނޫނަށް ބަދަލު ގެނެސްފައިވާއިރު، ޕީޕީއެމްގެ މުޒާހަރާގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަތެވެ.
އެމްޑީޕީން މުޒާހަރާ ކުރާތީ އެކަމަށް މަލާމާތް ކުރެއްވުމުގެ ގޮތުން "އެ މީހުން ކަށްވަޅުގައި ވެސް މުޒާހަރާކުރާނެ" ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، ވޯޓު އޮޅުވާލި ކަމަށް ބުނެ ރާއްޖޭގެ ރަށްރަށުގައި ވެސް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އެ މަނިކުފާނު ހޯމަ ދުވަހުގެ ރޭ ވަނީ ގޮވާލައްވައިފަ އެވެ.
ޕީޕީއެމްގެ މުޒާހަރާގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އަބުރަށް ހުތުރުވާ މިންވަރަކަށް އަޑު އުފުލި އެވެ.
އެމުޒާހަރާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޖަވާބުދާރީ ކުރުވަންވީ މަގުމައްޗަކުން ނޫން" ކަމަށެވެ. ޝަކުވާއެއް އޮތް ނަމަ ކޮމިޝަނަށް ވަޑައިގަތުމަށާއި ޖަވާބުދާރީވާން ތައްޔާރަށް ހުންނެވިކަމަށް ހަބީބު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި މެމްބަރުންގެ އަބުރު ކަތިނުލެއްވުމަށާއި ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ހަރަކާތްތެރިވުމަށް ހަބީބު ވަނީ އިލްތިމާސް ކުރައްވާ ކަމަށެވެ.
Jawaabdharee kuruvanvee magu machchaku noon. Avahah @ElectionsMv ah vadaigannavà!
— Ismail Habeeb (@IsmailHabeeb) October 2, 2018
Jawaab dheyn thayyaaru.
EC ge raees @ShareefRangondi ài memberunge aburu kathi nulavvaa!
Zinmaadhaaru party eh ge gothugai h'arakaaiytheri vumah ilthimás kuran! Shukuriyya! https://t.co/mnn6Cmo9qO
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ ގަބޫލު ކުރިތާ، ހަތް ދުވަސް ފަހުން ވޯޓު އޮޅުވާލި ކަމަށް ބުނެ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ނުކުމެކުރި މުޒާހަރާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވޯޓާ މެދު ހިތްހަމަޖެހިވަޑައި ނުގެން ވާހަކަފުޅު ދައްކަވާފައެވެ. އަދި ވޯޓު އޮޅުވާލި ކަމަށް ބުނެ، އަތޮޅު ތެރެ އާއި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ވަނީ އެއްވެފައި ތިބި މީހުންނަށް އިލްތިމާސްކުރައްވާފައެވެ.
މިހާރު ދާއިމީ ނަތީޖާ އިއުލާންވެސް ކުރައްވާއިރު އެއިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހަށް 58.4 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވިއިރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.6 ޕަސެންޓް ވޯޓެވެ. އެއާއެކު ރައީސް ޔާމީން ބަލި ޤަބޫލުކުރެއްވިކަން ހާމަ ކުރެއްވުމާއެކު ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.