ވެރިކަމުގައި ރައީސަކު ހުންނަވައިގެން އިންތިޚާބެއްގައި ވާދަ ކުރުމުން ދެރަވަރު ނަތީޖާއެއް ލިބިއްޖެ ނަމަ ފަހަތު ފައިގައި ހުންނަވައިގެން މަސައްކަތްކުރައްވަން ވަރަށް އުނދަގޫވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވިދާޅުވީ އަބަދު ވެސް މީހުންނަށް ކުރިއަށް ދެވޭނީ ކުރިއަށް ފައި އަޅައިގެން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފަނަކީ ރައްޔިތުންނަށް އިޚްލާސްތެރި ރައީސެއް ކަމަށާއި ހައްގު ނޫން އެއްޗެއް ހޯދަން ނޫޅުއްވާނެ ކަމަށެވެ. އަދި ހައްގު ނޫން ޗެނަލްއެއް ބޭނުންކޮށްގެން ވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އެމަނިކުފާނު ޝަރުއީ ދާއިރާއަށާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހްމަތު ވަނީ ކުރެވިފަ އެވެ.
ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް ކުރަން އެއް ވެސް މީހަކަށް ނަސޭހަތްތެރި ނުވާނެ ކަމަށާއި ހިތުގެ ޝޫޢޫރު ފާޅުކުރުމަކީ ލިބިގެންވާ ހައްގެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު، މާލޭގެ މަގުތަކުގައި މުޒާހަރާކުރުން މަނާކޮށްފައި ވަނީ އެ މަނިކުފާނުގެ ސަރުކާރުންނެވެ.
ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިޚާބަށް ނުޒޫތަކެއް ފޯރުވާފައިވާ ކަމަށް ތުހްމަތު ކުރެވޭ އޯޑިއޯއެއް ލީކްވެފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ވަދެފައި ނުވާ ނަމަ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އެގޮތަށް ވާހަކަ ނުދައްކަވާނެ ކަމަށެވެ.
އެ އޯޑިއޯގައި އިލެކްޝަނަށް ނުފޫޒު ފޯރުވާފައި ވަނީ ކޮން ބައެއްގެ ފަރާތުން ކަމެއް ނޭނގެ އެވެ. ނަމަވެސް މީގެ ކުރިން ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް އިންތިޚާއަށް ނުފޫޒު ފޯރުވަމުން ދާ ކަމަށް ތުހްމަތުކުރެވުނެވެ.
ރައީސް ޔާމީން ވިދާޅުވީ، އީސީގެ މެންބަރުން ބަޔާނެއް ނެރެގެން ނުފުދޭ ކަމަށާއި ރައްޔިތުން ކައިރިއަށް ވަޑައިގެން ކަންތައްތަކަށް ޖަވާބު ދޭން ޖެހޭ ކަމަށެވެ. މިކަންކަން މިހިނގާ ގޮތުގެ ތަފްސީލީ މައުލޫމާތު ލިބެންދެން ކުރިއަށް ދާން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އިންތިޚާބުގައި ރައީސް ޔާމީނަށް 41.6 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވިއިރު، އެއަށް ވުރެ ގިނަ ވޯޓް ލިބިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ސެޕްޓެމްބަރު 24 ވަނަ ދުވަހު އެ މަނިކުފާނު ވަނީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގެންނެވިކަން ގަބޫލުކުރައްވާފަ އެވެ،
"އަޅުގަނޑު އެއްގޮތަކަށް ވެސް ނަތީޖާ ގަބޫލު ނުކުރަނީކީ ނޫން. އަޅުގަނޑަކީ އެންމެ މީހެއް. އަޅުގަނޑުމެންގެ ލީގަލް ޓީމުން އެބަ މަސައްކަތް ކުރައްވާ. އަނެއްކާ މިތަނުން މި ފެންނަނީ ރައްޔިތުންގެ އިހުސާސް. އެހެން ވީމާ މިކަމުގައި އަޅުގަނޑަށް ދެން ދެވޭނީ އާންމު މެންބަރުންގެ އިހުސާސްތަކާ އެއްގޮތަށް އަޅުގަނޑަށް ކުރިއަށް ދެވޭނީ." ރައީސް ޔާމީން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތީޖާއަށް ބަލާއިރު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބު ކުރެއްވީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 41.6 ޕަސެންޓެވެ.