ހިޔާ މަޝްރޫޢުގެ ދަށުން މި ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓް ދޫނުކޮށް މަޑު ޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ހައުސިންގ މިނިސްޓްރީއަށް އެކަން އަންގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު 30 ސެޕްޓެމްބަރު 2018 ގެ ނިޔަލަށް ހަމަވެފައިވާއިރު މިހާތަނަށް އެ ފޯމްތައް ވެރިފައިކޮށް، އިވެލުއޭޓްވެސް ކޮށްފައި ނުވާ ކަމަށާއި، އަދި ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަމުންދާ ކަމަށް ބުނެ އޭސީސީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އަދި ހިޔާ މަޝްރޫއުގެ ޕްރޮޖެކްޓަކީ ރައްޔިތުންގެ ޢާއްމު މަސްލަހަތާ ގުޅުން ހުރި ބޮޑު ޕްރޮޖެކްޓެއްކަމަށް ވުމާއި މި ޕްރޮޖެކްޓުގެ މަސައްކަތް ވީހާވެސް ހަރުދަނާ ގޮތެއްގައި ދެފުށް ފެންނަ ގޮތަށް ކޮރަޕްޝަނަށް މަގުފަހި ނުވާނެ ގޮތަށް ގެންދިޔުމަކީ މުހިއްމު ކަމެއްކަމުގައި އޭސީސީން ދެކޭ ކަމަށެވެ.
އެހެންކަމުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ބެލުމަށް ފަހު ކޮމިޝަނުން ވަކިއެއްޗެއް އަންގަންދެން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ގޮތުން ކުރަމުންދާ އެންމެހާ މަސައްކަތްތައް ކުރިއަށް ނުގެންދިއުމަށް އަންގާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އޭސީސީގެ އެ ނިންމުން އައިއިރު، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތީ، ވަރަށް ގިނަ ބަޔަކު ވަނީ ފޯމު ހުށަހަޅައިފަ އެވެ.