ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 17:06
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ގޫގުލް
ކްރިސްޓިއާނޯ ރޮނާލްޑޯ
ރޭޕްގެ ތުހުމަތު ރޮނާލްޑޯ ދޮގުކޮށްފި
ތުހުމަތު ކުރަނީ ކެތްރީން މަޔޯގާ ކިޔާ އަންހެނެއް
ރޭޕްކުރި ކަމަށް ބުނަނީ 2009 އަހަރު
އެކަން ސިއްރުކުރުމަށް ފައިސާ ދިން ކަމަށްބުނޭ

އެމެރިކާގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނެ ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރެވިފައިވާ ތުހުމަތު އޭނާ ދޮގު ކޮށްފިއެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ރޮނާލްޑޯއަށް ތުހުމަތު ކުރަމުން އަންނަނީ 2009 ވަނަ އަހަރު އެމރިކާގެ އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތެވެ.

އުމުރުން 34 އަހަރުގެ ކެތްރީން މަޔޯގާ ނަމަކަށް ކިޔާ އަންހެނަކު ތުހުމަތުކުރާ ގޮތުގައި ރޮނާލްޑޯ އޭނާ ރޭޕްކޮށްފައިވަނީ އެމެރިކާގެ ލަސް ވޭގަސްގެ ހޮޓަލެއްގައެވެ.

މަޔޯގާ ބުނާ ގޮތުގައި އެކަން ހިނގުމާއިއެކު ލަސް ވޭގަސްގެ ފުލުހުންނަށް ހުށަހެޅިއެވެ. ނަމަވެސް އެވާހަކަ ނުދެއްކުމަށް ޝަރުތުކޮށް 2010 ވަނަ އަހަރުގެ ތެރޭގައި ރޮނާލްޑޯގެ ފަރާތުން އޭނާ އަށް 375،000 އެމެރިކާ ޑޮލަރު ދިން ކަމަށް ވެސް މަޔޯގާ ބުނެފައިވެއެވެ.

ޖަރުމަނުގެ މެގަޒިނެއްގައި އެވާހަކަތައް ޖެހުމުން ރޮނާލްޑޯވަނީ އޭނާގެ އިންސްޓަގްރާމް ލައިވްއެއްގައި އެކަން ދޮގުކޮށްފައެވެ.

ރޮނާލްޑޯ ބުނެފައިވަނީ އެ މެގަޒިންގައި އާއްމުކޮށްފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

އެމަގަޒިންގެ ބޭނުމަކީ ރޮނާލްޑޯގެ ނަންބޭނުންކޮށްގެން މަޝްހޫރުވާން ކަމުގައިވެސް އޭނާ ބުނެފައިވެއެވެ. ރޭޕްގެ ތުހުމަތުތައް ރޮނާލްޑޯ ދޮގުކޮށްފައިވާއިރު އޭނާގެ ގާނޫނީ ވަކީލު ކްރިސްޓިއަން ސަންޗޭޒް ވަނީ މި ހަބަރު އާއްމުކުރި ޖަރުމަނުގެ މެގަޒިންއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބުނެފައެވެ.

ރޭޕްކޭހެއްގެ ތުހުމަތުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތް ފެށުމަށް ރޮނާލްޑޯވަނީ އޭނާގެ ގާނޫނީ ވަކީލުންނަށް އަންގާފައެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި 99 މިލިއަން ޕައުންޑުގެ އަގަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް