އިންތިޚާބީ ރައީސް ވެރިކަމާއި ހަވާލުވެވަޑައިގަންނަވާއިރު ރައީސް އޮފީހުގެ ކަންތައްތައް ރޭވިފައި ހުރި ގޮތް ބެލުމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިދާރީ ޢަލީ ނިޔާޒް ރައީސް އޮފީހަށް ވަޑައިގެންފިއެވެ. ރައީސް އޮފީހުގެ ބޭރުގައި ހުންނަވާ ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ނިޔާޒް ވިދާޅުވީ މިއަދު ރައީސް އޮފީހަށް ވަޑައިގެންނެވީ އެއްވެރިކަން އަނެއް ވެރިކަމަށް ބަދަލުކުރުމުގެ މަރްހަލާ ފެށިފައިވާއިރު ރައީސް އޮފީހުގެ ޓީމްތަކާއެކު ބައްދަލުކޮށް ވެރިކަމާއި ހަވާލުވާއިރު ކަންކަންކުރަންވީ ގޮތާއި އަދި މިތަނުން ކަންކަންކުރަންވީގޮތް ރޭވިފައި ހުރި ގޮތް ބެލުމަށް ކަމަށެވެ. ނިޔާޒް ވިދާޅުވީ އޭނާގެ ޓީމްގެ މަސައްކަތަކީ ރައީސް އޮފީހުގެ ތެރޭގައި މި ކަންތައް ހުރި ގޮތް ބަލާ ރިޕޯރޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓްކުރުން ކަމަށެވެ.
"އެއްވެރިކަން އަނެއް ވެރިކަމަށް ބަދަލުކުރުމުގެ މަރްހަލާ ފެށިފައި މި އޮތީ. އެގޮތުން އެކަމަށް ބޭނުންވާ އެރޭންޖްމަންޓްތައް މިދަނީ ހަމަޖެހެމުން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ރަސްމީކޮށް އައްޔަންކުރެވިފައި މިވަނީ. އެއާއެކު އެކި އެކި ކޮމިޓީތަށް އެކުލަވާލަވާލާފައި ވަނީ މިއަދު އެކެއްޖަހާއިރު ރައީސް އޮފީހާއެކު ބައްދަލުވުން މި އޮތީ. ރައީސް އޮފީހުގެ ޓީމްތަކާއެކު ބައްދަލުކޮށް ވެރިކަމާއި ހަވާލުވާއިރު ކަންކަންކުރަންވީ ގޮތާއި އަދި މިތަނުން ކަންކަންކުރަންވީ ގޮތް ރޭވިފައި ހުރި ގޮތް ބަލާ، ރިޕޯރޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓްކުރުން" ނިޔާޒް ވިދާޅުވިއެވެ.

އެއްވެރިކަން އަނެއް ވެރިކަމަށް ބަދަލުވުމުގެ މަރްހަލާ މިއަދު ފެށިފައިވާއިރު އިންތިޚާބީ ރައީސް ހުވާކުރެއްވުމާ ހަމައަށް އަމަލު ކުރަންޖެހޭ "ވެރިކަން ބަދަލުވުމުގެ މަރްހަލާއާ ބެހޭ ޤާނޫނު" ގެ 6 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ޤާނޫނުގެ ދަށުން މިކަން ވިލިރެސް ކުރާ ފަރާތަކީ "ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ކަމަށެވެ. އަދި އެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައި ވަނީ ވިލަރެސްކުރާނޭ ފަރާތް (ޑައިރެކްޓަރ އޮފް ޓްރާންސިޝަން )އައްޔަން ކުރާނީ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ ފަރާތުން އެދޭ ގޮތަށް ސިވިލް ސާރވިސް ކޮމިޝަނުން ކަމަށެވެ.
ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންއަށް އިންތިޚާބީ ރައީސް އައްޔަން ކޮށްފައިވާ އަހުމަދު ލަތީފަކީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވައި ކުރިން ސަފީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިއެކެވެ.
ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހްމަދު ލަތީފް އައްޔަން ކުރައްވާފައިވާ އިރު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން އިންތިގާލީ މަރުހަލާގައި ސޔާސީ ގޮތުން އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރައްވާނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.