އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ރާއްޖޭގެ މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގަށް ވަޑައިގެން އެކުންފުނީގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ހޯމަ ދުވަހު ދިރާގުގެ މައި އޮފީހަށް ވަޑައިގެން އެކުންފުނީގެ އިސްވެރިންނާ ބައްދަލުކުރެއްވި އިރު މިއަދަކީ ދިރާގުގެ 30 ވަނަ އަހަރީ ދުވަހެވެ.
ދިރާގުން ދަނީ އެކުންފުނީގެ 30 ވަނަ އަހަރީ ދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ.
ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯނުގެ ހިދުމަތާއި އިންޓަރނެޓްގެ ހިދްމަތް ދެމުންދާ ކުންފުންޏެވެ. މީގެ އިތުރުން ކޭބަލް ޓީވީގެ ހިދުމަތް ވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.

މިދިއަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކަށް ޒިޔާރަތް ކުރައްވާ އޮފީސްތަކުގެ އިސްވެރިންގެ އިތުރުން މުވައްޒަފުންނާ ވެސް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.