ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށާއި އެހެން ނަމަވެސް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމްގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރާ ގުޅިގެން ހައިކޯޓުގައި ހޯމަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ، އޭނާއާމެދު ކުރެވިފައިވާ ތުހުމަތަކާއި އޭނާއާމެދު ޝަރުއީ އިދާރާތަކުން ކަންތައްތައް ކޮށްފައިވަނީ ސިޔާސީ ނުފޫޒުގެ ދަށުން ކަމަށެވެ. މިކަންކަން ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މިކަން ކަމުގައި އެންމެ ފުރަތަމަ ދުވަހުވެސް އުންމީދުކުރި ގޮތް ކަމަށާއި ކުރިއަށް އޮތްތަނުގައި މިކަންކަން ހައްލުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމަގައިމުވެސް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އެދުނު ވަރަށް ވުރެއް ގިނަ ދުވަސް ނެގި. އެހެން ނަމަވެސް މިހާރު އިރާދަކުރެއްވިއްޔާ ހަމަ މަގަށް އެޅެމުން މިދަނީ. މިވަގުތުން އުޖާލާ މުސްތަގްބަލެއް ފެންނަނީ،" ފާރިސް ވިދާޅުވިއެވެ.
ކަފާލާތުގެ ދަށުން އާދީއްތަ ދުވަހުގެ ރޭ ދޫކޮށްލި ފާރިސް ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ އިރު އެހެން މެންބަރުންނާ ވެސް އެކަންކަމުގައި މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރުުމުގެ ފުރުސަތެއް ލިބިވަޑައިގެންފި ނަމަ އެކަންކަމާ މަޝްވަރާ ކުރައްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.