ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފްލެޓްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން ނަންބަރު ނެގި މީހުންނަށް ފޯމު ނުލެވި ހައުސިން މިނިސްޓްރީން ފޯމު ލުމުގެ ފުރުސަތު ބަންދު ކޮށްފިއެވެ.
ހައުސިން މިނިސްޓްރީން އެ ފުރުސަތު ބަންދު ކުރިއިރު އާދީއްތަ ދުވަހު އެތައް ބަޔަކު ވަނީ ކިޔުގައި ޖެހިފައެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންނަށް ފޯމު ލެވޭ ގޮތް ވަނީ ނުވެފައެވެ.
ފޯމު ލުމަށް ހައުސިން މިނިސްޓްރީން އާދީއްތަ ދުވަހު ދޫކޮށްފައިވާ ބައެއް ނަންބަރުތަކަށް ފޯމު ބަލައިގަތުން ހުއްޓާލީ ރޭ ފަތިހު 5:30 ހާއިރުއެވެ.
ހައުސިން މިނިސްޓްރީން އެކަމާ ގުޅިގެން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހިޔާ މަޝްރޫއަށް ފޯމު ބަލައިގަތުން ނިންމާލާފައިވާ ކަމަށެވެ. އަދި އާދީއްތަ ދުވަހު ފޯމުލުމަށް ނަންބަރު ނަގާފައިވާ ގިނަ ފަރާތްތަކަށް ފޯމު ލުމުގެ ފުރުސަތު ދީފައިވާ ކަމަށާއި އެ މަސައްކަތަކީ ދިގު މުއްދަތެއް ދެވިގެން ކުރިއަށްގެންދިޔަ މަސައްކަތަކަށް ވާތީ ފޯމު ލުމަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
ނުރުހުން ފާޅުކުރަން އެއްވެ ތިބި މީހުންގެ ތެރެއިން މީހަކު ރާއްޖެއެމްވީއަށް ބުނީ މިމަހުގެ 30 ވަނަ ދުވަހު ހެނދުނު ފޯމް ލުމަށް އޭނާ ނަންބަރު ނަގާފައިވާ ކަމަށާއި އެރޭ ދަން ވީއިރު ވެސް އޭނާގެ ނަންބަރު ޖެހިފައިނުވާ ކަމަށެވެ. އަދި ފަތިސްވަންދެން ހައުސިން މިނިސްޓްރީން ފޯމު ބަލައިގަތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އިއްޔެ ފަހު ދުވަސްވީމަ އިއްޔެ މިއައީ ނަންބަރު ނަގަން. ނަންބަރު ނަގަން އައިސް ނަންބަރުވެސް ނެގީ ހަމަ ކިޔުގައި ތިބެގެން ހަމަ ނަންބަރު މި ނެގީ. ދެން ނަންބަރު ނަގާފައި މިކޮޅުގައި ފުރަތަމަ ތިބީ ދެން ތިބީވެސް ދޭތެރެ ދޭތެރެއިން ސްޓަކުވެ މިތިބެނީ. ދެން މިކޮޅުގެ ވެބްސައިޓުން ދޭތެރެދޭތެރެއިން ސްޓަކުވެ މިތިބީ.ރޭގަ 3 ޖަހަންދެން އަޅުގަނޑުވެސް މިހިރީ މިތާ ހުޅުމާލޭގައި އުޅެނީ. 3 ޖަހަންދެން ހުރެފަ އަޅުގަނޑުގެ ނަންބަރަށް ގާތްގަނޑަކަށް 1000އެއްހާ މީހުން ކުރިއަށް އޮތީމަ ޔަގީނުން ވެސް ހެނދުނުވާއިރަށް ނުވާނެކަން ޔަގީންވީމަ ނިދާލަން މިދިޔައީ. ކިޔުބީ ބެލިއިރު ވެބްސައިޓުން ނަންބަރެއް ނުލިބޭ. ނުފެނުނީމަ ދެން މިއައީ މިކޮޅަށް. މިކޮޅަށް އައީމަ މީހުން އެއްވެފަ މިތިބީ. ކައުންޓަރަށް ގޮސް މައުލޫމާތު ސާފުކުރަން އައިސް ބުނީމަ ބުނީ ނިންމާލާފައޭ އޮތީ ތިމަންނަމެންނަކަށް ނޭގެޔޯ މި ވީގޮތެއް،" އެމީހާ ކިޔައިދިނެވެ.
އެމީހާ ބުނީ އޭގެ ފަހުން ހައުސިން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރަށް އެކަމުގެ މައުލޫމާތު ހޯދުމަށް ގުޅުމުން ފޯމުލުމަށް ދެ ފަހަރަކަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި ފަހު ދުވަހު ލާން މަޑުކުރީ ކީއްވެތޯ ސުވާލުކުރި ކަމަށެވެ. ނަންބަރު ދޫކުރުމަށް ފަހު ނަންބަރުތަކަށް ޚިދުމަތް ދޭންޖެހޭނެ ކަމަށް ޖަވާބުގައި އޭނާ ބުނެފައިވާ ކަމަށް އެމީހާ ބުންޏެވެ.
"އަޅުގަނޑު ބުނިން އަޅުގަނޑުގެ ނަންބަރު ނާރުވައޭ ނުވެސް ގޮވައޭ އެހެންވީމަ އަޅުގަނޑަށް އެ ފުރުސަތު އޮންނަން ޖެހޭނޭ މި ފޯމު ލުމުގެ. އެހެން ބުނީމަ ބުނީ ތިމަންނައަކަށް ދެން އިތުރަށް ދޭންޖެހޭނެ ޖަވާބެއް ނެތޭ މިއީއޭ ތިމަންނަގެ ޖަވާބަކީ،" އެމީހާ ރާއްޖެއެމްވީއަށް ކިޔައިދިނެވެ.
މި މަޝްރޫއުގެ ދަށުން 7000 ފްލެޓް ހުޅުމާލޭގައި ދަނީ އިމާރާތްކުރަމުންނެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ކައިރި ވެފައި ވަނިކޮށް މި މަހުގެ 20 ވަނަ ދުވަހު ވިލިމާލެ ދެ ވަނަ ފިޔަވަހީގެ ޕްލޭން ލޯންޗު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ލިބޭނެ ކަން ހާމަކުރައްވާފައެވެ. މިނިސްޓަރު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ފްލެޓްތަކަށް އެދި 18،000 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. މިހާރު މަސައްކަތްކުރިއަށް ދަނީ އަދި އިއުލާނު ކޮށްފައި ވަނީ 7000 ފްލެޓް ކަމަށްވާ އިރު ބަކީ 11،000 މީހުންނާއި އަދި މި މަހުގެ ނިޔަލަށް ފޯމް ހުށަހަޅާ އިތުރު އެތައް ހާސް ބަޔަކަށް ފްލެޓް ދޭނީ ކިހިނެއް ކޮންތާކުން ކޮން ގޮތަކަށް ކަމެއް މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ.