ރިޔާސީ އިންތިހާބާ ދިމާކޮށް ސަސްޕެންޑްކުރި ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ އާއި އެ އޮފީހުގެ އިސް މުވައްޒަފުގެ ސަސްޕެންޝަން އުވާލައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައި ވަނީ ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ނަސީރު އަލީ އާއި އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ހަސަންއެވެ. ސިވިލްސާވިސް ކޮމިޝަނުން އެ ދެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދައުލަތުގެ މުދަލާއި ތަކެތި ސިޔާސީ ބޭނުމަށް، ބޭނުން ކުރި ކަމަށް ކުރި ތުހުމަތަކާ ގުޅިގެންނެވެ.
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ކައުންސިލް އިދާރާގައި މަސައްކަތްކުރާ އެ ދެ ބޭފުޅުންނަށް ސިވިލްސާވިސް ކޮމިޝަނުން ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާތީ، މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް މަސައްކަތަށް ނުކުތުން މަނާކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ދެ ބޭފުޅުންގެ ސަސްޕެންޝަން އުވާލައި، ހޯމަ ދުވަހުން ފެށިގެން މަސައްކަތަށް ނުކުތުމުގެ ހުއްދަ ދީފައިވާކަން ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވަނީ "ރާއްޖެއެމްވީ" އަށް ކަށަވަރުކޮށްދެއްވާފައެވެ.