ކ. މާލެ
|
1 ފެބްރުއަރީ 2017 | ބުދަ 19:45
ދިވެހި ރާއްޖެ
ދިވެހި ރާއްޖެ
މުހައްމަދު ޝަރުހާން
ސަރުކާރުން ވިއްކާ 200 މިލިއަން
ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ
ސޮވެރިން ބޮންޑު ވިއްކަނީ ސިންގަޕޫރުގެ ޑީބީއެސް ކުންފުންޏާ
ސަރުކާރުން ވިއްކަނީ 200 މިލިއަން ޑޮލަރުގެ ބޮންޑެއް
މަރޗު މަހުގެ ކުރިން ބޮންޑު ވިއްކާނެ

ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ސޮވެރިން ބޮންޑް ސިންގަޕޫރުގެެ ބޭންކެއް ކަމުގައިވާ ދަ ޑިވެލޮޕްމެންޓް ބޭންކް އޮފް ސިންގަޕޯ (ޑީބީއެސް) ބޭންކަށް ވިއްކަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮވެރިން ބޮންޑް ދޫކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 6 ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެ ގޮތުން 200 މިލިއަން ޑޮލަރުގެ މި ބޮންޑް ސިންގަޕޫރުގެ ސަރުކާރު ހިއްސާވާ ބޭންކަކަށް ދިނުމަށް ނިންމާފައިވާ އިރު މާރޗު މަހުގެ ކުރިން ބޮންޑު ވިއްކުމުގެ ހުރިހާ އިންތިޒާމުތަކެއް ނިންމާލެވޭނެ ކަމަށް މައުލޫމާތު ލިބެ އެވެ.

 

މި މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ޓައިމްލައިންތަކާއި އިދާރީ ގޮތުން ނިންމަންޖެހޭ މަސައްކަތްތައް ކުރުމެވެ. މި މަސައްކަތަކީ ސަރުކާރުގެ ތަރައްގީގެ ތަފާތު މަޝްރޫއުތައް ކަމުގައިވާ އައިޖީއެމްއެޗްގެ އާ އިމާރާތާއި ބްރިޖުގެ މަޝްރޫއު ފަދަ މަސައްކަތްތައްް ފައިސާ ހޯދުމަށް ސަރުކާރުން ވިއްކާ ބޮންޑެކެވެ.


ސިންގަޕޫރުގެ ޑީބީއެސްއާ އެކު ހެދިފައިވާ އެއްބަސްވުމުގެ ދަށުން ބޮންޑަށް ސަރުކާރުން ފައިސާ ދެއްކުމަށް ހަަމަޖެހިފައިވަނީ ހަ އަހަރު ފަހުންނެވެ. މި ބޮންޑްގެ އިންޓްރެސްޓް ރޭޓު އުޅެނީ 6.5 ޕަސެންޓްގަ އެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނީ ސޮވެރިން ބޮންޑް ވިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެހެން ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީން ހާމަކޮށްފަ އެއް ނުވެ އެވެ.

 

ސަރުކާރުން 200 މިލިއަން ޑޮލަރު ނުވަތަ 3.1 ބިލިއަން ރުފިޔާގެ ބޮންޑް ވިއްކާލުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޖަރުމަންގެ ކުންފުންޏެއް ކަމުގައިވާ ޑޮއިޗޭ ބޭންކާ އެވެ.

 

ބޮންޑު ވިއްކުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ އިރު ރާއްޖޭގެ ދަރަނީގެ މިންވަރު ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ.  އެގޮތުން،2014  ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 1.3 ބިލިއަން ރުފިޔާގައި ހުރި އިރު 2016 ވަނަ ނިމުނު އިރު ބަޖެޓް ޑެފިސިޓް ވަނީ 4.3 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މީގެ އިތުރުން ދައުލަތުން މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ ދަރަނި 36.9 ބިލިއަން ރުފިޔާގައި ހުރި އިރު މި އަދަދު 2017 ވަނަ އަހަރު 41.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

 

ސަރުކާރުން މިދިއަ އަހަރު ނަގާފައިވާ ލޯންތަކަށް ބަލާ އިރު ބައިނަލްއަގްވާމީ އިދާރާތަކުން އެކަނި ވެސް 300 މިލިއަން ޑޮލަރަށް ވުރެ ގިނަ ލޯން ވަނީ ނަގާފަ އެވެ. އެގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 100 މިލިއަން ޑޮލަރާ، ޗައިނާ އެގްޒިމް ބޭންކުން 67 މިލިއަން ޑޮލަރުގެ އިތުރުން އޯފިޑުން 50 މިލިއަން ޑޮލަރު ވަނީ ނަގާފަ އެވެ. މި ލޯންތައް ނަގާފައިވަނީ ސަރުކާރުން ހިންގާ އެންމެ ބޮޑެތި މަޝްރޫއުތައް ކަމަށްވާ އެއާޕޯޓް ތަރައްގީ ކުރުމާއި ބްރިޖްގެ މަޝްރޫއު ފަދަ މަޝްރޫއުތަކަށެވެ.

 

މީގެ އިތުރުން ވެސް ސަރުކާރުން ކުންފުނިތަކަށް ގެރެންޓީ ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ އިރު އެކަން ވެސް ސަރުކާރުން ދޮގުކޮށްފައެއް ނުވެ އެެވެ. އެގޮތުން އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ހިއްސާވާ ކުންފުންޏަކަށް 200 މިލިއަން ޑޮލަރު އަދި ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު ކަމުގައިވާ އެއްލައިދޫ މުހައްމަދު މަނިކުގެ ކުންފުންޏަކަށް 40 މިލިއަން ޑޮލަރުގެ ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމާފައިވާ އިރު އެކަމާ ގުޅިގެން އިގްތިސާދީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކުންފުންޏަކަށް ި200 މިލިއަން ޑޮލަރުގެ ލޯނަކަށް ގެރެންޓީދޭން ސަރުކާރުން ނިންމާފައިވާ އިރު އެކުންފުނީގައި އެފަދަ ބޮޑު އަދަދެއް ދެއްކޭނެ ގާބިލްކަން ހުރި ކަމާ މެދު އިގްތިސާދީ މާހިރުން ވަނީ ސުވާލު އުފައްދާފަ އެވެ.

 

މިގޮތަށް ކުންފުނިތަކުން ނަގާ މިފަދަ ލޯންތަކަށް ސަރުކާރުން ގެރެންޓީ ދިނުމުން ވެސް އިތުރުވެގެންދަނީ ސަރުކާރުގެ ދަރަންޏެވެ.

 

- ކޮމެންޓް