ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އަތުން ގދ. ކާޑެއްދޫ އެއާޕޯޓް އަތުލުމަށް ޓޫރިޒަމް މިނިސްޓްރީން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް 2013 ވަނަ އަހަރުގެ ނޮވެމްބަރު ހަ ވަނަ ދުވަހު ވިލާއާއެކު ވެފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ނިމުމަކަށް ގެނެސް، އެކަން ވިލާ އަށް އެންގީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން ގަވާއިދުތަކާ މިންގަނޑުތަކާ ޚިލާފަށް ބައެއް ކަންކަން ހުރުމުން ކަމަށެވެ.
އެއްބަސްވުން ބާތިލުކޮށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިސްއާ މެދުގައި ޚިލާފު އުފައްދާ އެއްބަސްވުން އެގޮތަށް އުވާނުލެވޭނެ ކަމަށާއި އެއްބަސްވުމުގެ ދަށުން ވިލާ އަށް ލިބިގެންވާ ހައްގުތައް ފުރިހަމަ އަށް ލިބިދިނުމަށް ދިވެހި ދައުލަތުގެ މައްޗަށް ވިލާ ކުންފުނިން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އަދި އެ ދައުުވާގެ ޝަރީއަތުގައި ވަކި ގޮތެއް ކަނޑައަޅަންދެން އެއްބަސްވުން ބާތިލުކޮށް ފޮނުވި ނޯޓިސް އަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަމުރެއް ނެރެ ދިނުމަށް ވެސް އެ ކުންފުނިން އެދުނެވެ.
ވިލާ ކުންފުނިން އެދުނު ގޮތަށް، ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ވަނީ އަމުރު ނެރެ ދެއްވާފައެވެ. ގާޒީ މުހައްމަދު ހަލީމް ނެރުއްވި އަމުރުގައި ވަނީ، އެއްބަސްވުން ބާތިލްކުރި ގޮތް ސައްޚަ ކަމަށް ސަރީއަތުން ކަނޑައެޅުމުގެ ކުރީގައި އެއްބަސްވުން ބާތިލުވާ ކަމަށް ބެލެވިގެން އަޅާ ފިޔަވަޅަކުން ނުކުންނަ ނަތީޖާއަކުން އިޔާދަ ނުކުރެވޭ ފަދަ އެއްވެސް ގެއްލުމެއް ކުރިމަތިވާ ނަމަ އެ ގެއްލުން ހުއްޓުވުމުގެ ގޮތުން ޝަރީއަތުގެ ފަރާތުން ވަގުތީ ގޮތުގައި ފިޔަވަޅުތައް އަޅައި އަމުރުތައް ނެރުމަކީ ކުރަމުން އަންނަ ކަމެއްކަން ފާހަގަ ކުރައްވާފަ އެވެ.
ވިލާއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގައި ބުނާ ގޮތުން ކާޑެއްދޫ އެއާޕޯޓް އެކުންފުންޏަށް ކުއްޔަށް ދީފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. 2013 ވަނަ އަހަރު ވިލާ އަށް އެއާޕޯޓް ދިން ނަމަވެސް، ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވެ، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ފެށުމާއެކު އެއާޕޯޓް އަތުލުމަށް 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވެސް ނޯޓިސް ފޮނުވި އެވެ. އެ ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރުކޮށްފައިވަނިކޮށް، ސަރުކާރުން ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ކާޑެއްދޫ އެއާޕޯޓް އަލުން ވިލާ އަށް ދީފަ އެވެ. އެއިރު ގާސިމް ހުންނެވީ ސަރުކާރަށް ފާޑުވިދާޅުވުން ހުއްޓާލައްވައިގެންނެވެ.
ހަމަ އެ ދުވަސްވަރު ގާސިމްގެ މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ވެސް ބަދަލުކުރި އެވެ. މީގެ އިތުރުން ވިލާގެ ސަބްސިޑަރަރީ ކުންފުނިތަކަކަށް ދޫކޮށްފައިވާ ރަށްތަކެއް ވެސް އަތުލައި، ދައުލަތަށް ނުދައްކާ ހުރި ރަށްރަށުގެ ކުއްޔާއި ފީތަކާއި އަދި ޖޫރިމަނާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ދައްކަން އެންގި އެވެ. އެ ފައިސާ ނުދެއްކުމުން ވިލާގެ އެކަައުންޓްތައް ފްރީޒް ކޮށްފައި ވެސް ވެއެވެ.