ފުލުހުންގެ މިދިޔަ މަހުގެ މުސާރަ ނުލިބި ލަސްވާތީވެ، ތާރީޚުގައި ފުރަތަމަ ފަހަރަށް ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ އެވެ.
ފުލުހުންގެ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ އިން ބުދަ ދުވަހު އާންމުކުރި ދެންނެވުމެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ މުސާރަ ލިބުން ލަސްވަމުންދާތީ ދަތިވާ މުވައްޒަފުންނަށް 10،000 ރުފިޔާ އަށް ވުރެ އިތުރު ނުވާ އަދަދަކަށް ލޯނު ދޫކުރަން އެކުންފުނިން ނިންމާފައިވާ ކަމަށެވެ.
ފުލުހުންގެ ކުންފުނިން ލޯނު ދޫކުރަން ނިންމާފައިވަނީ އިންޓްރެސްޓަކާ ނުލައި، ދެ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ އެފަދަ ލޯނެއް ދިނުމަށް ކޯޕަރޭޓިވް ސޮސައިޓީ އިން ނިންމާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އޮފިޝަލް ވިދާޅުވީ އެއީ އެމެޖެންސީ ލޯނު ސްކީމެއް ކަމަށާއި، ބޭނުންވާ މުވައްޒަފުންނަށް ލޯނު ނެގޭނެ ކަމަށެވެ.
ފުލުހުންގެ މުސާރަ ނުދެވި ލަސްވަނީ، އެލަވަންސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބޮޑުކުރި އެލަވަންސާއެކު މުސާރަ ޖަމާކޮށްދޭން އެދި ފިނޭންސް މިނިސްޓްރީ އަށް ފޮނުވި މުސާރަ ޝީޓްތައް އަނބުރާ ފޮނުވާލުމުންނެވެ.
ބޮޑުކުރި އެލަވަންސްތައް ހިމަނައިގެން ދެ ފަހަރެއްގެ މަތިން ޝީޓް ފޮނުވުމުން ވެސް ފިނޭންސް މިނިސްޓްރީ އިން ވަނީ މުސާރަ ޝީޓުތައް އަނބުރާ ފޮނުވާލާފަ އެވެ. އަދި ބޮޑުކުރި އެލަވަންސްތައް ނުހިމަނައި، ކުރިން އެލަވަންސް ދެމުން އައި ރޭޓުގައި މުސާރަ ޝީޓުތައް ތައްޔާރުކުރުމަށް ފަހު ޝީޓްތައް ފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވުމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ދެކޮޅު ހައްދަވާފަ އެވެ. ފުލުހުންގެ މުސާރައާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ފުލުހުންގެ އެލަވަންސްތައް ބޮޑުކުރުމުން ފުލުހުންގެ ތެރޭގައި އޮފީސް މަސައްކަތްކުރާ ސީނިއާ އޮފިސަރެއްގެ އެލަވެންސަށްވުރެ ފީލްޑުގައި މަސައްކަތްކުރާ ޖޫނިއާ އޮފިސަރެއްގެ އެލަވެންސް ވަނީ ބޮޑުވެފަ އެވެ.
އެލަވަންސް މައްސަަލައިގައި ފުލުހުންގެ މުސާރަ ނުލިބި ތާށިވެފައިވާއިރު، މުސާރައިގެ ބަދަލުގައި ލޯނު ނަގަން ޖެހުން ފަދަ ކަމެއް މީގެ ކުރިން ސަރުކާރުގެ އެއްވެސް އިދާރާއަކު ހިނގާފައެއް ނެތެވެ. އަދި މުސާރަ ލަސްވާ ސަބަބަކާއި މުސާރަ ލިބޭނެ ދުވަހެއް ފުލުހުންނަށް އަދި މިހާތަނަށް އަންގާފައިނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.