ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 22:17
2014 ވަނަ އަހަރުގެ ވާރލްޑް ކަޕް ޖަރުމަނުން އުފުލާލަނީ
2014 ވަނަ އަހަރުގެ ވާރލްޑް ކަޕް ޖަރުމަނުން އުފުލާލަނީ
ގެޓީ އިމޭޖަސް
2024 ވަނަ އަހަރުގެ ޔޫރޯ
2024 ވަނަ އަހަރުގެ ޔޫރޯ ބާއްވާނީ ޖަރުމަނުގައި
ޖަރުމަނާއި ވާދަކުރީ ތުރުކީ

2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޖަރުމަނުވިލާތުގައި ބާއްވަން ނިންމައިފިއެވެ. 

އެއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ޖަަރުމަނާއި ވާދަކޮށްފައިވަނީ ތުރުކީއިންނެވެ. 

ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ފްރީޑްރިކް ކަރޓިސް ވިދާޅުވީ މިވަގުތު އެންމެ މުހިންމު ސުވާލަކީ ޔޫރަޕަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކޮބައިތޯ ބެލުން ކަމަށާއި ޔޫރަޕުގެ މެދުގައި އެފަދަ ބޮޑު މުބާރާތެއް ބޭއްވުން ވެގެންދާނީ ފުޓްބޯޅައަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ. 

އެއަހަރުގެ ޔޫރޯ ވެގެންދާނީ 2006 ވަނަ އަހަރުގެ ފަހުން ޖަރުމަނުގައި ބާއްވާ ބައިނަލްއަގާވާމީ ފުރަތަމަ ފުޓްބޯޅަ މުބާރާތަށެވެ. ޖަރުމަނުން ވަނީ މީގެކުރިން ތިން ފަހަރެއްގެ މަތިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައެވެ. އެންމެފަހުން ޖަރުމަނުން އެމުބާރާތް ކާމިޔާބުކޮށްފައި ވަނީ 1996 ވަނަ އަހަރުއެވެ. 

ޖަރުމަނުން ހުށަހެޅި ބިޑުގެ އެމްބެސަޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ބަޔާން މިއުނިކްގެ ކުރީގެ ކެޕްޓަން ފިލިޕް ލާމްއެވެ. އޭނާއަކީ 2014 ވަނަ އަހަރުގެ ވާރލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރި އިރު ކެޕްޓަންކަން ކުރީ ވެސް ލާމްއެވެ. ޖަރުމަނުގެ 10 ސިޓީއެއްގައި މި މުބާރާތުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. 

2020 ވަނަ އަހަރުގެ ޔޫރޯ ޔޫރަޕުގެ އެކި ގައުމުތަކުގައި ބޭއްވުމަށް ފަހު 2024 ވަނަ އަހަރުގެ މުބާރާތް އަނެއްކާ ވެސް ބާއްވާނީ އެއް ގައުމުގައެވެ. 2020 ވަނަ އަހަރުގެ ޔޫރޯ ބޭއްވުމަށް ނިންމާފައިވާ 12 ގައުމުތަކުގެ ތެރޭގައި ވެސް ޖަރުމަނު ހިމެނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް