ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 17:32
ވާރލްޑް ކަޕްގައި ބޭނުން ކުރެވުނު ވީއޭއާރް ސިސްޓަމް
ވާރލްޑް ކަޕްގައި ބޭނުން ކުރެވުނު ވީއޭއާރް ސިސްޓަމް
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވީއޭއާރް ބޭނުންކުރަނީ
މިއަހަރުގެ ވާރލްޑް ކަޕްގައި ވެސް ވީއޭއާރް ބޭނުންކުރި
ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސިސްޓަމް ގާއިމު ކުރެވިގެންދާނެ

އަންނަ ސީޒަނުން ފެށިގެން ޔޫރަޕުގެ ކްލަބް ފުޓްބޯޅައިގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުން ކުރަން ނިންމައިފިއެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ ބޭނުންކުރަން ނިންމާފައިވާއިރު އަންނަ އަހަރު ބާއްވާ ޔުއެފާ ސުޕަރ ކަޕްގައި ވެސް ވީއޭއާރް ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ. ހަމައެހެންމެ 2020 ވަނަ އަހަރު ޔޫރޯގެ އިތުރުން 2021 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްސްގައި ވެސް މި ޓެކްނޮލޮޖީ ބޭނުން ކުރާނެއެވެ. ޔުއެފާ ޔުރޮޕާ ލީގުގައި މި ޓެކްނޮލިޖީ ބޭނުންކުރަން ފަށާނީ 2020 ވަނަ އަހަރުއެވެ. 

މިއަހަރު ރަޝިއާގައި ބޭއްވި ފީފާ ވާރލްޑް ކަޕްގައި ވެސް ކާމިޔާބުކަމާއެކު ބޭނުންކުރި ވީއޭއާރްއަކީ ވީޑިއޯ މެދުވެރިކޮށް ރެފްރީއަށް ނިންމުންތައް ނިންމަން އެހީތެރިވެދޭ ޓެކްނޮލޮޖީއެކެވެ. ވާރލްޑް ކަޕްގައި ވީއޭއާރް ވެގެންދިޔައީ ވަރަށް ކާމިޔާބުކަމާއެކު ބޭނުންކުރެވުނު ޓެކްނޮލޮޖީއަކަށެވެ.

ޔުއެފާގެ ރައީސް އެލެކްޒެންޑަރ ސެފެރިން ވިދާޅުވީ ދުނިޔޭގެ އެންމެ ވަރުގަދަ ވީއޭއާރް ސިސްޓަމް ގާއިމުކުރުމަށް ވަގުތު އޮންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ ސިސްޓަމް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް އޮފިޝަލުން ވެސް ވަރަށް ރަނގަޅަށް ތައްޔާރުކުރެވިގެން ދާނެ ކަމަށެވެ. 

ވީޑިއޯ އެސިސްޓަންޓް ރެފްރީއަކީ މެޗުގެ އިސް ރެފްރީ ނިންމާ ނިންމުންތަކަކީ އެންމެ ރަނގަޅު ނިންމުންތޯ ވީޑިއޯ ރިޕްލޭ މެދުވެރިކޮށް ކަށަވަރު ކުރާ ރެފްރީއެކެވެ. ހެޑް ފޯނެއް މެދުވެރިކޮށް ވީޑިއޯ އެސިސްޓަންޓް ރެފްރީ އާއި އިސް ރެފްރީ ދެމެދު ވާހަކަ ދެކެވެއެވެ. އަދި ވީޑިއޯ ރިޕްލޭ ބެލުމަށް ފަހު އިސް ރެފްރީގެ ނިންމުންތައް ބަދަލުކުރުމުގެ ފުރުސަތު ވީޑިއޯ އެސިސްޓަންޓް ރެފްރީއަށް އޮންނާނެއެވެ.

ވީޑިއޯ އެސިސްޓަންޓް ރެފްރީންނަށް ބާރު ފޯރުވެނީ އިސް ރެފްރީ ނިންމާ ނިންމުންތަކުގެ ތެރެއިން ހަތަރު ވައްތަރެއްގެ ނިންމުމަކަށެވެ. އެއީ ޕެނަލްޓީގެ ނިންމުންތަކާއި ސީދާ ރަތް ކާޑު ދެއްކުމާއި ގޯލު ޖެހުމުގައި އެއްވެސް ގަވާއިދަކާއި ހިލާފުވެފައިވޭތޯ ބެލުމުގެ އިތުރުން ކާޑު ދެއްކުމުގައި ގޯސް ކުޅުންތެރިޔަކަށް ކާޑު ދެއްކިފައިވޭތޯ ބެލުމެވެ.

މިހާރު ވެސް ސްޕެނިޝް ލަލީގާގައި ކުޅޭ މެޗުތަކުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީގެ ބޭނުން ދަނީ ކުރެވެމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް