ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 08:49
ކަނާތު ފިޔައިގެ ރިޔާސީ ކެންޑިޑޭޓް ޖެއަރ ބޮލްސާނަރޯ (ވ) އަދި ވާތު ފިޔައިގެ ކެންޑިޑޭޓް ފެރްނާންޑޯ
ކަނާތު ފިޔައިގެ ރިޔާސީ ކެންޑިޑޭޓް ޖެއަރ ބޮލްސާނަރޯ (ވ) އަދި ވާތު ފިޔައިގެ ކެންޑިޑޭޓް ފެރްނާންޑޯ
މުހައްމަދު ޝަރުހާން
ބްރެޒިލްގެ ރިޔާސީ އިންތިޚާބު
ބްރެޒިލްގެ ރިޔާސީ އިންތިޚާބު: ޚިޔާލު ހޯދުމުުގެ ވޯޓުތަކުގެ ކުރީގައި އަދިވެސް ވަޅީގެ ހަމަލާ އަމާޒުވި ކެންޑިޑޭޓު
ދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ ބޮލްސާނަރޯ އަށް ލިބިވަޑައިގަންނަވާނީ 38 އިންސައްތަ

އޮކްޓޯބަރު މަހު ބާއްވާ ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ކަނާތު ފިޔައިގެ ރިޔާސީ ކެންޑިޑޭޓް ޖެއަރ ބޮލްސާނަރޯ އަދިވެސް އުޅުއްވަނީ ވޯކަރސް ޕާޓީގެ ވާތު ފިޔައިގެ ކެންޑިޑޭޓް ފެރްނާންޑޯ އައްދާދަށް ވުރެ ހަ ޕޮއިންޓް ކުރީގައި ކަމަށް ބުދަ ދުވަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ދައްކައިފިއެވެ.

ނަމަވެސް ދެވަނަ ބުރުގައި އޭނާ އަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ޕޯލް އިން ދައްކައެވެ.

އިބޯޕް ޕޯލިންގ ފަރމް އިން ނެގި ވޯޓުން ދައްކާ ގޮތުން ވޯޓް ލެވޭ މީހުންގެ 27 އިންސައްތަ ތާއީދު އޮތީ ބޮލްސާނަރޯއަށެވެ.

ބްރެޒިލްގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވުމުން އިންތިޚާބުގައި ވާދަކުރެއްވުން ބްރެޒިލްގެ އިލެކްޓޯރަލް ކޯޓުން މަނާ ކުރެއްވުމާ އެކު ވޯކަރސް ޕާޓީން އިންތިޚާބަށް ނެރުއްވި ފެރްނާންޑޯ އައްދާދް އުޅުއްވަނީ 21 އިންސައްތައާ އެކު ދެވަނައިގައެވެ.

އިންތިޚާބުގެ ދެވަނަ ބުރަކަށް ދިޔުމުގެ ފުރުސަތު ބޮޑުއިރު، ދެވަނަ ބުރަކަށް ގޮސްފި ނަމަ، ސައުޕޯލޯގެ ކުރީގެ މޭޔަރ ފެރްނާންޑޯ އައްދާދު ބޮލްސާނަރޯގެ މައްޗަށް 42 އިންސައްތަ ވޯ ޓާއެކު ކުރި ހޯއްދަވާނެ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުން ދައްކައެވެ.

ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ބޮލްސާނަރޯ އަށް ލިބިވަޑައިގަންނަވާނީ 38 އިންސައްތައެވެ.

ބްރެޒިލްގެ ގާނޫނު ބުނާ ގޮތުން އެއްވެސް ކެނޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ.

އިބޯޕް އިން ބުނެފައިވާ ގޮތުގައި ވާތުފިޔައިގެ މެދުމިނުގެ ކެންޑިޑޭޓް ސީރޯ ގޮމޭސް އުޅުއްވަނީ 12 އިންސައްތައިގެ ތެރޭގައެވެ. އަދި ވިޔަފާރިއާ ރައްޓެހި ސިޔާސަތުތަކެއް ގެންގުޅުއްވާ ސައުޕޯލޯގެ ކުރީގެ ގަވަރނަރ ޖެރަލްޑޯ އަލްކްމިންގެ ތާއީދު ހުރީ 8 އިންސައްތައިގައި ހިފެހެއްޓިފައެވެ.

ދެވަނަ ބުރުގައި ގޮމޭސް ނުވަތަ އަލްކަމައިންއާ ވާދަކުރައްވަން ޖެހިވަޑައިގެންނެވިއަސް ބޮލްސާނަރޯއަށް އިންތިޚާބު ކާމިޔާބެއް ނުކުރެއްވޭނެއެވެ.

ބްރެޒިލްގެ އެކި ކަންކޮޅުތަކުން 2،000 މީހުންގެ މެދުގައި ސެޕްޓެމްބަރު މަހުގެ 22 އާއި 24 އާ ދެމެދު ނަގާފައިވާ މި ޕޯލްގެ އެރަރ މާޖިންއަކީ ދޭއް އިންސައްތައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް