ދ. ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިތްހަމަ ނުޖެހިގެން ސްކޫލު ދޮށުގައި އިހްތިޖާޖުކޮށްފި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އެރަށު ބެލެނިވެރިއަކު ބުނީ، އެރަށު ސްކޫލު ބެލެނިވެރިން އިހްތިޖާޖު ކުރަނީ ސްކޫލުގައި ކުދިންނަށް ކިޔެވޭނެ ރަގަޅު މާހައުލެއްގެ ގާއިމް ކުރެވިފައި ނެތުމުން ކަމަށެވެ. އެގޮތުން ސްކޫލުތައް ހުޅުވުނުތާ އެތަށް ދުވެހެއް ވެފައިވާ އިރު އަދިވެސް ސްކޫލު ކުދިންގެ ޓެކްސްޓް ފޮތް ހަމަނުވާ ކަމަށް އެފަރާތުން ބުނެ އެވެ. އަދި ސްކޫލުގައި ޓީޗަރުން ހަމަނުވާ ކަމަށާއި ފާހަނާތައް ހަލާކު ވެފައިވާ ކަމަށާއި ސްކޫލުގައި ރަގަޅު ޕްރިންސިޕަލެއް ނެތް ކަންވެސް ބެލެނިވެރިޔާ ވަނީ ފާހަގަކޮށްފަ އެވެ.
ބުދަ ދުވަހުގެ ހެނދުނު 6:30 ހާއިރު ފެށި މި އިހްތިޖާޖު ހުއްޓާލާނީ މިކަންކަމަށް ހައްލެއް ހޯދާދޭނެ ޔަގީންކަން ލިބުމުން ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި ބެލެނިވެރިޔާ ވަނީ ބުނެފަ އެވެ. އެ ސްކޫލަށް އެއްވެސް ކުއްޖަކު ކިޔަވަން ފޮނުވާފައިވާ ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެރަށު ސްކޫލުގެ ޓީޗަރަކު ވިދާޅުވީ، ހެނދުނު ބެލެނިވެރިން އިހްތިޖާޖު ކުރަމުންދިއަ އިރު ސްކޫލުގެ ގޭޓް ހުޅުވީވެސް އެއަތޮޅު ކުޑަހުވަދޫ ފުލުހުން އައިސް ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ދ.ހުޅުދެލިއަކީ ގާތްގަނޑަކަށް 900 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.