ހދ. ކުޅުދުއްފުށީގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ބޮޑު ދިދަ އަލުން ނަގައިފިއެވެ.
ކުޅުދުއްފުށި ބަންޑާރަ މައިދާން ސަރަހައްދުގައި ނަގާފައި ހުންނަ އެ ދިދަ އަލުން ނަގާފައި މިވަނީ ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އަންގާރަ ދުވަހު ހަވީރު ކުޅުދުއްފުށީ ގައި ބޭއްވި ހިނގާލުމަށް ފަހުއެވެ.
އެމްޑީޕީގެ ބޮޑު ދިދައިގެ މައްޗަށް ގައުމީ ދިދަ އެއް ވެސް ނަގާފައި ވެއެވެ.
އެމްޑީޕީގެ ބޮޑު ދިދަ ކުރިން ބާލާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންނެވެ. ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު ކޯޓު އަމުރާ ގުޅިގެން އެ އަމުރަށް ތާއީދުކޮށް ގިނަ ރަށްތަކުގައި އުފާފާޅު ކުރަމުން އެމްޑީޕީގެ ދިދަތައް ދަމަމުން ދިޔައެވެ. އެދުވަސްވަރު ވަރަށް ގިނަ ރަށްރަށުގައި ނަގާފައި ހުރި އެމްޑީޕީގެ ދިދަތައް ފުލުހުން ވަނީ ބާލާފައެވެ. އަދި ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު މާލޭ މަޖީދީ މަގުގެ ގެއެއް ގައި ނަގާފައި ހުރި ބޮޑު ދިދަ އެއް ވެސް ވަނީ ބާލާފައެވެ.