ކޯލިޝަންގެ އިންތިޚާބީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމުގައި އެއްވެސް މީހަކާ މެދު ތަފާތުކުރުމެއް ނެތި، ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް އުންމީދުކުރާ ކަމަށް، އެމްޑީއޭ އިން ބުނެފިއެވެ.
ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ އިންތިޚާބީ ކެންޑިޑޭޓް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ކިޔައި ނެރުނު ނޫސްބަޔާނުގައި ބުނީ އިބޫގެ ވެރިކަމުގައި އިންސާފާއި އަދުލުވެރިކަމާއި ހަމަހަމަކަން ގާއިމުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އެމްޑީއޭ އިން ބުނީ އަބަދުވެސް އެދެނީ ދިވެހި ރައްޔިތުންނަށް ފާގަތި، ކާމިޔާބު މުސްތަގުބަލަކަށް ކަމަށެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަމެއްގައި ވެސް ރައްޔިތުންގެ ރޫހާ އެއްގޮތަށް އަޑު އުފުލުމުގައި އެމްޑީއޭ އަބަދު ވެސް ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެޕާޓީން ވަނީ ދީފައެވެ.
ވޯޓުގެ ނަތީޖާ ގަބޫލުކުރައްވައި، ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާތައް ވީހާވެސް އަމާންކަމާއި އޮމާންކަމާއެކީގައި ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ނިންމަވާފައިވާތީ އެކަމަށް ވެސް އެމްޑީއޭއިން ވަނީ މަރުހަބާ ކިޔައިފައެވެ.
އެމްޑީއޭއަކީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެން ހަރަކާތްތެރިވަމުން ދިޔަ ޕާޓީއެއް ނަމަވެސް ރިޔާސީ އިންތިޚާބުގައި އެއްވެސް ޕާޓީއަކާއި އެމްޑީއޭ ގުޅިފައެއް ނުވެއެވެ.