ރައްޔިތުންނަށް އަނިޔާވެރިގެން އެއްވެސް ކަމެއް ކާމިޔާބު ނުވާނެކަން މި އަހަރުގެ ރިޔާސީ އިންތީޚާބުގައި ރައްޔިތުން ސާބިތުކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ހަމަސް ދުވަހު ޖަލުގައި ހޭދަކުރުމަށް ފަހު ކްރިމިނަލް ކޯޓުން ރިޔާޒު މިނިވަންކުރުމާ އެކު ނޫސްވެރިންނަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވީ ރައީސް ޔާމީން ޖެއްސެވި ހިސާބަކީ އެންމެން ޖަލަށް ލައިގެން އިންތިޚާބު ކާމިޔާބު ކުރުން ކަމަށާއި، ނަމަވެސް ޖެއްސެވި ހިސާބު ކަމުނުދިޔަ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ރައީސް ޔާމީން ސިޔާސީ ބޭފުޅުން ހައްޔަރުކުރަނީ ބިރު ގަންނާތީ ކަމަށެވެ. އަދި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހު އިތުރު ބަޔަކާ އެކު އޭނާ ހައްޔަރުކޮށް އެހެން މީހުން ދޫކޮށްލުމަށް ފަހު އޭނާ ބަންދުގައި ބެހެއްޓީ ވެސް ރައީސް ޔާމީން އޭނާ ދެކެ ޖެހިލުންވާތީ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ޖަލުގައި ހޭދަކުރެއްވި ދުވަސްތަކަށް އަލިއަޅުއްވާލައްވައި ރިޔާޒު ވިދާޅުވީ ހުރިހާ ވައްތަރެއްގެ ޖަލުތަކެއް ތަޖުރިބާ ކުރެވިފައިވާ ކަމަށާއި، ޖަލު ތެރެއިން ވަރަށް ދެރަވާ މަންޒަރު ފެނުން ކަމަށެވެ.
"ހަގީގަތުގައި ވަރަށް ދެރަވާ މަންޒަރެއް ފެނުނު 72 އަހަރުގެ ބޭފުޅެއް 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ޖަލަށް ލައްވައިގެން ގެންގުޅުއްވި ގޮތް. މިއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ގަބޫލުކުރާނެ ގޮތެއް ނޫން،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ އޭނާ ޖަލު ބަންދުން މިނިވަންކުރީ ރައީސް ޔާމީން އަންގަވައިގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ޖަލުގައި ނުހައްގުން ބަންދުކޮށްފައި ތިއްބެވި ބޭފުޅުން މިނިވަންކުރުމަކީ އިންތިޚާބީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށެވެ.
ރިޔާޒު ވިދާޅުވީ އިބޫއަކީ ކޮރަޕްޝަނާއި، ވައްކަމާއި، އަނިޔާގެ އެއްވެސް ތުހުމަތެއް އޮތް ބޭފުޅެއް ނޫން ކަމަށާއި، އިބޫގެ ވެރިކަމަކީ ރައްޔިތުންނަށް ހެޔޮ ވެރިކަމަކަށް ވެގެންދާނެ ކަމަށެވެ.