ކ. މާލެ
|
1 ފެބްރުއަރީ 2017 | ބުދަ 08:20
އަންގާރަ ދުވަހުގެ ރޭގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ލަތީފް ވާހަކަ ދައްކަވަނީ
އަންގާރަ ދުވަހުގެ ރޭގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ލަތީފް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
ފާޑު ނުކިޔާ އިންތިޚާބެއް ނުބޭއްވޭނެ
ކެމްޕޭން ކުރާކަށް އިދިކޮޅު ފަރާތްތަކަކަށް ހުރަހެއް ނެތް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ސަބަބުން އެ އިންތިޚާބަށް މާބޮޑު އަސަރެއް ކުރާނެކަން ޤަބޫލު ނުކުރައްވާކަމަށް ޕީޕީއެމަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއް ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން އަންގާރަ ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި ކުޑަވި ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ޕާޓީތަކުންވެސް އިންތިޚާބަށް ތާއީދު ހޯދުމުގައި ވަރަށް ފޯރިއާއެކު ކަންކަން ކުރަމުން ގެންދާ ކަމަށެވެ.

ދެފަޅި ވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނަށް ތާއީދު ކުރެއްވުމަށްފަހު އަނބުރާ ރައީސް ޔާމީންގެ ފެކްޝަނާ ގުޅިވަޑައިގެންނެވި ލަތީފް ވިދާޅުވީ އިންތިޚާބާ ގުޅުންހުރި ކަމެއް ދިމާވެ އެކަން ހައްލު ނުކުރެވުމުން ދާން އޮތްތަނަކީ ކޯޓުތައް ކަމަށާއި އެކޯޓުތަކުން ނިންމާ ނިންމުން ހުރިހާ ފަރާތަކުންވެސް ޤަބޫލުކޮށް، އެއަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ލަތީފް ވިދާޅުވީ ކޯޓުން އިންތިޚާބު ފަސްކުރުމަކީ އާ ކަމެއް ނޫން ކަމަށާއި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ކޯޓުން ވަނީ ފަސްކޮށްފައި ކަމަށެވެ. އެހެންކަމުން ކޯޓުން އިންތިޚާބު ފަސްކުރުމަކީ އެކަމުން އިންތިޚާބަށް މާބޮޑު އަސަރުތަކެއް ކުރާނެ ކަމެއްކަމަށް ޤަބޫލު ނުކުރައްވާކަމަށް ލަތީފް ވިދާޅުވަިއެވެ.

"ހުރިހާ އިންތިޚާބެއްގައިވެސް އެމައްސަލަ ނިކުމޭ ދެއްތޯ. އެހެންވީމަ އާ މައްސަލައެއް ނޫން މުޖުތަމުއު ތެރޭގައި ނިކުމެގެން މިއުޅެނީކީ. މިމައްސަލައާ ހެދިއޭ ކިޔާފަ އިންތިޚާބު ތަކަށް އަސަރެއް ކުރާނެކަމަށް އަދި ނުފެނޭ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު މިނިވަން ވެދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އިންތިޚާބުތަކަށް ފާޑު ކިޔާނެ ކަމަށެވެ.

ލަތީފް ވިދާޅުވީ ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަށް ފާޑު ނުކިޔެންވީ ސަބަބެއް ނެތްކަމަށާއި ރާއްޖެއަށްވުރެ މާބޮޑެތި ޤައުމުތަކުގެ އިންތިޚާބާމެދުވެސް ފާޑު ކިޔާ ކަމަށެވެ.

"ރާއްޖެއިން ބޭރުގަ އާއި ތަރައްޤީވެފައިވާ ޤައުމުތަކުގެ އިންތިޚާބުތަކަށްވެސް ފާޑު ކިޔަނީ ނޫންތޯ ކޮން ޤައުމެއްގެ އިންތިޚާބަކަށްތޯ ފާޑު ނުކިޔާ އޮތީ: ލަތީފް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ކެމްޕޭން ކުރުމަށް ސަރުކާރުން ހުރަސްއަޅަމުންދާދިއުމަށް އިޝާރާތް ކުރައްވާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ލަތީފް ވިދާޅުވީ އެފަދަ ހުރަހެއް ނެތްކަމަށެވެ.

ލަތީފް ވިދާޅުވީ ރަށްރަށަށް ވަޑައިގެންނެވުމުން ފެންނަ މަންޒަރަކީ ޤާނޫނީ އިމުގެ ތެރެއިން ތަންދީ އެންމެ ފުޅާމިނުގައި ކެމްޕޭން ކުރަމުންދާތަން ކަމަށެވެ. 

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ހިޔާނާތާއި ވައްކަމުގެ މައްސަލަތަކުގެ ވާހަކަ އަށް ސީދާ ގޮތެއްގައި ޖަވާބު ދެއްވުމުގެ ބަދަލުގައި ލަތީފް ދެއްކެވީ ކުރީގެ ސަރުކާރުގެ ތަކުގެ ކޮރަޕްޝްތަކުގެ ވާހަކަ އެވެ. އަދި ރައީސް ޔާމީން ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

- ކޮމެންޓް