އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވި އިބްރާހީމް މުހައްމަދު ޞާލިހަށް އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އޭޝިއާ އެންޑް ދި ޕެސިފިކް މާކް ފީލްޑް މަރުހަބާ ވިދާޅުވެއްޖެއެވެ.
އިނގިރޭސި ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ނެރެފައިވާ ބަޔާނުގައި މާކް ފީލްޑް ވިދާޅުވަނީ އޮމާންކަމާއި ސުލްހަވެރިކަމާ އެކު ސަރުކާރު ބަދަލުވުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަނިކުފާނާއި އެ މަނިކުފާނުގެ ކޯލިޝަން ބައިވެރިންނަށް ހެޔޮ އެދުން ފޮނުއްވާ ކަމުގައެވެ.
މީގެ އިރުތުން އަވަސް މުސްތަގްބަލެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި ރާއްޖެ އާއި އިނިގރޭސި ވިލާތުން ކަންބޮޑުވާ މައްސަލަތަކުގައި އާ ސަރުކާރާ އެކު މަސައްކަތް ކުރެވޭނެ ކަމަށް ދެއްކޭ ކަމަށް ވިދާޅުވެފައި ވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބައިނަލްއަގްވާމީ ގާނޫނުތަކާއި ގާނޫނުއަސާސީއާ ޚިލާފު ކަންތައްތައް ހިންގުމާއި ސިޔާސީ ފަރާތްތައް ހައްޔާރުކުރުމާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުއާވަނީ ގުޅުން ގޯސްވެފައެވެ.
އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބުކޮށްފައި ވަނީ 58.4 އިންސައްތަ ވޯޓުންނެވެ. ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކުރައްވައިގެން ކެމްޕެއިން ކުރެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެންނެވީ 41.7 އިންސައްތައެވެ.