ޖެނުއަރީ މަސް ނިމުނު އިރު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް މުސާރަ ނުލިބޭކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ފޭސްބޫކާއި ޓްވިޓަރ ފަދަ ސޯޝަލް މީޑިޔާގައިވެސް ގިނަބަޔަކު ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.
ރާއްޖެ އެމްވީއާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އަންގާރަ ދުވަހުގެ ރޭ ވެސް މުސާރަ ޖަމާ ނުވާ ކަމަށެވެ. އަންގާރަ ދުވަހަކީ މިމަހުގެ އެންމެ ފަހު ދުވަހަށްވާއިރު އޮފީސް ނިމުނު އިރުވެސް މުސާރަ ޖަމާ ނުވާތީ ވެރިން ގާތު އެވާހަކަ ދައްކާފައިވާކަމަށްވެސް ބައެއް މީހުން ބުންޏެވެ. މިއީ މިގޮތަށް ގިނަ އަދަދެއްގެ ބަޔަކަށް މުސާރަ ޖަމާނުވި ފުރަތަމަ ފަހަރެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ އިތުރުން ދައުލަތުގެ ބައެއް އެހެން މުއައްސަސާތަކުގެ މުވައްޒަފުންނަށާއި ބައެެއް ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ޖަމައެއް ނުވެ އެވެ.
ބައެއް އޮފީސްތަކުގެ އިސް ބައެެއް ވެރިން ވިދާޅުވީ މުސާރަ ޖަމާނުވެ ލަސްވެގެން ގޮސްފައިވަނީ ސަރުކާރުގައި ފައިސާ ނެތިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް އަންގާފައި އޮތީ ޓެކްސް ފައިސާ ލިބުމުން ކަމަށް މުސާރަ ޖަމާކުރެވޭނީ،" ސަރުކާރުގެ އިސް ވެރިޔަކު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މުސާރަ ދޭނެ ފައިސާ އެބަހުރި ކަމަށާއި މުވައްޒަފުންނަށް މުސާރަ ޖަމާ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމުގައެވެ.
މީގެ ކުރިން މުވައްޒަފުންނަށް މުސާރަ ޖަމާކުރަމުންދަނީ އެމުވައްޒަފަކު މަސައްކަތްކުރާ އޮފީހަކުންނެވެ. ނަމަވެސް މިމަހުން ފެށިގެން މުސާރަ ޖަމާކުރަން ނިންމާފައިވަނީ ސީދާ ފިނޭންސް މިނިސްޓްރީންނެވެ.