އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުމުގެ އެންމެ ފަހުވަގުތާ ހަމައަށް ވެސް ހީކޮށްގެން ތިބީ، އިންތިހާބު ކާމިޔާބުވާނެ ކަމަށް ކަބޫލުކޮށްގެން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމްގެ ލީޑަރޝިޕުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި އެ ޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމުން ރިޔާސީ އިންތިހާބަށް ތައްޔާރުވީ ވަރަށް ފުރިހަމައަށް ކަމަށާއި އެހެންކަމުން އިންތިހާބުން ކާމިޔާބުވާނެ ޔަގީންކަން އެންމެ ފަހު ވަގުތާ ހަމައަށް ވެސް އޮތް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން އިންތިހާބުގެ ނަތީޖާ ގަބޫލުކުރާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީޕީއެމުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންނަކީ އަބްދުއްރަހީމްގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު އާއި ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު އަދި ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ.
ޕީޕީއެމްގެ ލީޑަރޝިޕްގެ އެ ބޭފުޅުން ވިދާޅުވީ އެބޭފުޅުން ދެން ފެންނާނީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށާއި ރައީސް އަބްދުﷲ ޔާމީނާއި ރާއްޖެ ދޫކޮށް އެހެން ގައުމަކަށް ވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި މަގުމަތީގައި ތިބެންޖެހޭ ހާލަތެއް ނަމަ އެކަން ކުރާނެ ކަމަށާއި ނަމަވެސް ޕީޕީއެމުން އަބަދު ވެސް އިސްކަންދޭނީ މަޝްވަރާ އަށް ކަމަށް އޭނާ ވިދާޅުވިއެވެ.